ނުރައްކާތެރި މީހުން ދޫވާ މައްސަލާގައި ބަންޑާރަނައިބް މަޖިލީހަށް ހާޒިރުކުރަނީ

ނުރައްކާތެރި މީހުން ދޫވާ މައްސަލާގައި ބަންޑާރަނައިބް މަޖިލީހަށް ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 12:31
0

މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމުގައި ހުރި ގާނޫނީ ހުރަސްތައް އޮޅުންފިލުއްވުމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.

ބަންޑާރަނައިބާއި ސުވާލު ކުރެއްވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. މެންބަރު ކުރެއްވި ސުވާލުގައި ވަނީ، ޓެރިޒަމް މަނާ ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ވެސް މުޖުތަމައަށް ނުރައްކާ ހުރި ނިރުބަވެރި ކަމުގެ ތުހުމަތު އޮތް ފަރާތްތައް ބަނދުގައި ބައިތިއްބާނެ ގާނޫނީ ހުރަސްތަކެއް އޮތް ކަން ފާހަގަ ކުރަމުންދާތީ އެ ކަންކަން ސާފުކޮށްދިނުމަށެވެ.

ބަންޑާރަނައިބާ ސުވާލުކުރެއްވުމަށް ވަހީދު ހުށަހެޅުއްވީ މިމަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ބަންޑާރަނާއިބާއި ސުވާލު ކުރައްވަނީ އައްޑޫ ސިޓީން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫވެފައިވާއިރު ދެން ތިބި މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރު ކުރެވިދާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުވެވަޑައިގެން ވިދާޅުވެފައިވާ ވާހަކައަށެވެ. އަދި އެފަދަ މީހުން ބަންދުގައި ބައިތިއްބައިގެން ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން ވެސް ގާނޫނުތައް ޖަގާ ނުދޭ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.

އެހެންވެ ވަހީދު ބަންޑާރައިބާ ކުރައްވާ ސުވާލު ކުރައްވަނީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް އޮޅުންފިލުއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.