ޢަލީ ޙުސައިން، އެމްޑީޕީއަށް: ތިމާ ހިތްނޭދޭ ކޮންމެ ވާހަކައަކީ ފިތުނަ އުފެއްދުންކަމަށް ބަލައިގެން ނުވާނެ!

ޢަލީ ޙުސައިން، އެމްޑީޕީއަށް: ތިމާ ހިތްނޭދޭ ކޮންމެ ވާހަކައަކީ ފިތުނަ އުފެއްދުންކަމަށް ބަލައިގެން ނުވާނެ!

Author
މުޙައްމަދު ޖިމީ
29 މެއި 2021 11:23
0

ތިމާ ހިތްނޭދޭ ނުވަތަ ގަބޫލު ނުކުރާ ކޮންމެ ވާހަކައަކީ ފިތުނަ އުފެއްދުން ކަމަށް ބަލައިގެން ނުވާނެކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ނުސީދާކޮށް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްނަދު ނަޝީދުގެ ސިކިޔުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ޙާވާލާދީ “މިހާރު” ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ހަރުކަށ އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް ވަނީ ބައެއް ނޫސްތަކުން ފިތުނަ އުފައްދަނީކަމަށް ތުހުމަތުކޮށް ވާހަކަދައްކަވާފައެވެ.

ނަމަވެސް ވަކި މެންބަރެއް ނުވަތަ ޕާޓީއެއް ވިދާޅުނުވެ، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ތިމާ ހިތް ނޭދޭ ނުވަތަ ގަބޫލު ނުކުރާ ކޮންމެ ވާހަކައަކީ ފިތުނަ އުފެއްދުން ކަމަށް ބަލައިގެން ނުވާނެކަމަށެވެ.

އަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުރާނަފުޅު ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ދާކަމަށެވެ. އެ ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ ޙަމަލާ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާކަމަށެވެ. މިގޮތުން އެ ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވާކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް މުޙައްމަދު ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ޙަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާ އެއްކަމަށް ވަނީ ބުނެފައެވެ.

ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރްޕަގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންއާކޮށްލާކަމަށެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވާކަމަށެވެ.

“މިހާރު” ނޫހުގައި ލިޔެފައިވާ ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެފަރާތުން “މިހާރު” ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކޭކަމަށެވެ. އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރާކަމަށެވެ.

ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށާއި، އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.