ޓެރަރިޒަމްގެ ތުހުމަތުގައި އިތުރު 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޓެރަރިޒަމްގެ ތުހުމަތުގައި އިތުރު 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 01:35
0

ހަރުކަށި ފިކުރާ ދެކޮޅަށް މުޅި ރާއްޖޭގައި ސަލާމާތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އަނެއްކާވެސް 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މި ތިން މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި ތިން މީހުންނަކީވެސް މިމަހުގެ 6 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުން ހުރި ބައެއް ނޫންކަމަށް އެގިފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއި އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގާ މިހާތަނަށް މިވަނީ 17 މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި އެ ސިޓީން ހައްޔަރުކުރި 11 މީހަކާއި އޭގެ ފަހުން މާލޭގައި ހިންގި އޮޕރޭޝަނެއްގައި މީގެކުރިން ހައްޔަރުކުރި 3 މީހުންވެސް ހިމެނެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާފައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ހައްޔަރުކޮށްފައިވަނީ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މި ދެމީހުންގެ ތެރެއިން ތަހްމީނަކީ މި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ.

ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުވެސް ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކޮށްގެން އެނާ ދިރިއުޅޭ އެޕާޓްމެންޓްގެ ތެރޭގައި އުޅެނިކޮށެވެ. އަދި ހަމަލާގެ ތުހުމަތުގައި ބ.ދަރަވަންދޫއިން ހައްޔަރުކޮށްފައިވަނީ ޢުމުރުން 23 އަހަރުގެ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހުއެވެ.

އަދުހަމްއަކީ ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި އަދި މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓްއެވެ. މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސް ވޯކްވޭ ތެރޭ ހުރެ މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ހުރެ ރައީސް ނަޝީދުގެ ހަރަކާތްތައް ބެލުމަށްފަހުކަން ފުލުހުން އާއްމުކުރި ސީސީޓީވީ ފުޓޭޖްތަކުން ފެނެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ. އަދި މިހާރު އެމަނިކުފާނު ގެންދަވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.