މާރކެޓް ކޮންޓްރޯލް ދޫކޮށް، އިންޓަރނެޓްގެ އަގު ހެޔޮވާންވީ ވިޔަފާރި އުސޫލުން!

މާރކެޓް ކޮންޓްރޯލް ދޫކޮށް، އިންޓަރނެޓްގެ އަގު ހެޔޮވާންވީ ވިޔަފާރި އުސޫލުން!

Author
ހުސެއިން
28 މެއި 2021 09:01
0

ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަކީ ދައުލަތުން އުފުލަންޖެހޭ ޒިންމާއެވެ.

ދައުލަތުން ހިއްސާވާ ކުންފުނިތައް އުފައްދާ، އަދި އަނެއްބައި ފަހަރަށް ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތައް އުފައްދައިގެން، އެކުންފުނިތަކުން ވިޔަފާރިކޮށްގެން، ރައްޔިތުންނަށް ހެޔޮ އަގުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށް ދޭންޖެހެނީ، ރައްޔިތުން ޓެކްސް ފައިސާއިން ހިންގަމުން އަންނަ ސަރުކާރެއް ކަމުގައިވާނަމަ، ދައުލަތަށް ރައްޔިތުން ދައްކާ ޓެކުހުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމް ވެގެންދާތީއެވެ.

ދުނިޔޭގެ މުއްސަދި، އަދި ޑިމޮކްރަޓިކް ނިޒާމެއް ނުވަތަ، ޖަވާބު ދާރީވާން ނުޖެހޭ އިގްތިސާދީ ނިޒާމު އޮންނަ ބައެއް ގައުމުތަކުގައި، ނުވަތަ "ވެލްފެއަރ" ސްޓޭޓްތައް އޮންނަ ގައުމުތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ރައްޔިތުން މިއުސޫލުން ބަރޯސާ ވާކަށް ނުޖެއެވެ.

މިސާލަކަށް އަރަބި ބައެއް ގައުމުތަކެވެ. ސައުދީ އަރަބިއާ، ކުވައިތު އަދި މީގެ އިތުރުންވެސް ބުރޫނާއި، އަދި މިނޫނަސް ތެލުގެ މުއްސަދިކަމާއި ގުދުރަތީ ވަސީލަތްތައް އިންތިހާއަށް އޮތް، ވެލްފެއަރ ސްޓޭޓްތަކުގައި ރައްޔިތުންނަށް ހިލޭސާބަހަށް އަސާސީ ގިނަ ޚިދުމަތްތައް ފޯރުކޮށްދިން ކަމުގައިވި ނަމަވެސް، ރާއްޖެފަދަ އަމިއްލަ އުފެއްދުންތެރިކަން ނެތް، ބޭރުގެ ތަކެއްޗާއި ވަސީލަތްތަކަށް ބަރޯސާވުން ބޮޑެތި ގައުމުތަކުގައި، ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައި އޮންނަނީ ދައުލަތާއި ރައްޔިތުންގެ މެދުގައި ކުރެވޭ ޓެކްސްގެ މުއާމަލާތު ތަކުގެ މައްޗަށެވެ.

އެހެންނަމަވެސް، ޒަމާން ބަދަލުވެ، އެންމެ ކުރިއްސުރެ ދައުލަތުން ފޯރުކޮށްދޭ އަސާސީ ވަސީލަތްތަކަކީ، ހަމައެކަނި ބަޑުފުރާނަ މުއްތި ކުރުމާއި ގުޅޭ ވަސީލަތްތަކަކަށް ވިޔަސްވެސް، މިއަދު މިވަނީ އަސާސީ ޚިދުމަތުގެ ދާއިރާ އެތައް ގުނައަކުން ފުޅާ ވެފައެވެ. މި ޚިދުމަތްތަކުގެ ލިސްޓަށް ޓެކްނޮލިޖީގެ އެތަކެއް ވަސީލަތެއް މިއަދު މިވަނީ އިތުރުކުރަން ޖެހިފައެވެ. އާދެ! މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު ވަސީލަތަކީ އިންޓަރނެޓްގެ ވަސީލަތެވެ.

ދިރާގު އުރީދޫ އަދި ސްރީލަންކާގެ ކުންފުނިތައް ގުޅިގެން އެޅި ސަބްމެރިން ކޭބަލްގެ ކޮޅު ރާއްޖެއާއި ހަމައަށް ފޯރުން ފާހަގަ ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

އިންޓަނެޓަކީ މިއަދު އެއާނުލާ ދިރިއުޅުން ފަރުޖައްސާލެވެން އޮތް ވަސީލަތެއް ނޫނެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި، މައުލާމާތާއި، މުއާމަލާތު ކުރުމާއި، އަދި މިނޫނަސް މީހުންނާއި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިލާމެހިފައިވާ އެންމެ މުހިންމު ވަސީލަތަކީ އިންޓަރނެޓްގެ ވަސީލަތެވެ.

ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުތަކުގައި، ހުރިހާ ރިޔާސީ ކެނޑިޑޭޓުންވެސް، އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ އެކި ވައުދުތައް އެކި ގޮތްގޮތަށް ވެފައި ވެއެވެ. މިގޮތުން، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި، މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިންމެ އެއް ވައުދަކަށްވީ، ރާއްޖޭގައި ފޯރުކޮށްދެވޭ އިންޓަރނެޓްގެ އަގު ހެޔޮކުރުމުގެ ވައުދެެވެ. އަދި މި ވައުދު ވެގެން ދިޔައީ ރައްޔިތުންގެ ޝައުގެވެރިކަން އެވައުދެއްގެ މައްޗަށް ހުއްޓިގެން ދިޔަ މުހިންމު ވައުދަކަށްވެސް މެއެވެ.

ރައީސް ސޯލިހުގެ މި ވައުދު ފުއްދަވާނެ ދުވަހެއްގެ އިންތިޒާރުގައި، 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔަފަހުން، މިއަދު މިވަނީ އެންމެފަހުން، އިންޓަރނެޓްގެ އަގަށް ރަސްމީކޮށް ސަރުކާރުން ބަދަލު ގެންނަވާފައެވެ.

 

ގެނެވުނީ ދެމެހެއްޓެނިވި ބަދަލެއްތަ؟

ވިޔަފާރީގެ ވިސްނުމަކުން ވިސްނާއިރު، ޚިދުމަތާ ތަކެތީގެ އަގަކީ، އާރބިޓްރަރީކޮށް (ބާރުގެ ބޭނުން ކޮށްގެން) ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ސަބަބަކީ، ވިޔަފާރިއަކީ، ޑިމާންޑް އެންޑް ސަޕްލައި (ބޭނުންވާ މިންވަރާ، ފޯރުކޮށް ދެވޭ މިންވަރު)ގެ މައްޗަށް ބަރޯސާވާ ތަބައީ ކަމަކަށް ވާތީއެވެ. އަދި ތަބަޢީ އެއްވެސް ކަމަކީ، ބާރުގެ ބޭނުންކޮށްގެން ބަދަލު ގެނެވޭނެ ކަމަކަށް ނުވުމަކީ، ދުނިޔޭ ގެ ގާނޫނު (ލޯ އޮފް ނޭޗަރ) ކަމަށް ވާތީވެސް މެއެވެ.

އެހެންކަމުން ވިޔަފާރީގެ ތެރޭގައި ދައުރުވާ އެއްވެސް ކޮމޯޑިޓީއެއްގެ އަގަށް، ބުނެ ކިޔައިގެން ބަދަލެއް ގެންނަން މަސައްކަތް ކޮށްފިނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ، ސިސްޓަމުގެ ކޮންމެވެސް ހިސާބަކުން، އެގެނައި ބަދަލެއްގެ ފޫބެއްދިގެން ދިއުމަށްޓަކާ، ބަދަލު ތަކެއް އައުމެވެ. ނަތީޖާއެއްގެ ގޮތުން، ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއްކޮށް، ކުރިތިލާންޖެހޭ ޝޮކް އެބްޒޯބު ކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި އާޚިރުގައި، އެހެނިހެން ޚިދުތަމްތަތަކުގެ އަގުތައް ބޮޑުކޮށް، ވަލު ދޮރާށިން ލާފަ، ގެއްލުނު ފައިދާ ކޮޅު އަބުރާ އިޢާދަ ކުރުމަށް ގިނަފަހަރު އޮންނަނީ މަސައްކަތް ކޮށްފައެވެ. އަދި މިނޫނަސް، ގަދަ ބާރުން (ވިޔަފާރީގެ އުސޫލުން ނޫން ގޮތްގޮތުން) ޚިދުމަތްތަކުގެ އަގުތަކާއި ކުޅެން މަސައްކަތް ކުރުމުން، އިގްތިސާދުގެ ތިލަފަތުގެ ހަމަހަމަކަން ގެއްލި، ގިނަފަހަރަށް ފެންނަން ހުންނީ ލިބޭ ފައިދާއަށްވުރެ ޖުމްލަކޮށް ލިބޭ ގެއްލުން ބޮޑުވާ ތަނެވެ.

މިގޮތުން، މިހާލަތު މެދުވެރިވެގެން ދަނީ، ޚިދުމަތްތައް މަނަޕޮލައިޒް (މަދު ބައެއްގެ އަތްމައްޗަށް މުޅި މާރކެޓް ދޫކޮށްލާ) ކޮށްގެން ޚިދުމަތްތަކުގެ އަގުތައް ހެޔޮކުރަން މަސައްކަތް ކުރެވޭ ހާލްތަތަކުގައެވެ.

ރާއްޖޭގެ، ޓެކްނޮލޮޖީއާއި ގުޅިފައި ހުރި އާސާސީ މުހިންމު ބައެއް ޚިދުމަތްތައް ހުރީ މިދެންނެވުނު އުސޫލުން މަނަޕޮލައިޒް ކުރެވިފައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު ދެ ޚިދުމަތަކީ އިންޓަރނެޓްގެ ޚިދުމަތާއި ކޭބަލް ޓީވީގެ ޚިދުމަތެވެ.

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެވުން އޮތީ ދިރާގު އަދީ އުރީދޫއަށް އެކަނި ދޫކޮށްލެވިފައި

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ ފުރުސަތު ލިބިދީފައިވަނީ އެންމެ ދެ ކުންފުންޏަކަށެވެ. އެއީ ދިރާގާއި އުރީދޫއެވެ. މި ދެކުންފުނިން ރާއްޖޭގައި ދެމުންއަންނަ އިންޓަނެޓް ޚިދުމަތުގެ އަގު އާދަޔާ ޚިލާފަށް ބޮޑުކަމުގެ ޝަކުވާ އެތައްބަޔަކު ކުރަމުން އަންނަތާ އެތަކެއް ޒަމާންތަކެއް ވެއްޖެއެވެ. އަވަށްޓެރި އިންޑިއާ، ސްރީލަންކާ، އަދި އޭގެ ތަންކޮޅެއް ދުރަށް ޖެހިލާއިރު، މެލޭޝިއާފަދަ ގައުމުތަކާ އަޅާބަލާއިރުވެސް، ރާއްޖޭގައި ފޯރުކޮށްދެވޭ އިންޓަރނެޓްގެ ޚިދުމަތުގެ އަގުތަށް ހުރީ އެތައް ގުނައެއް މަތީގައެވެ.

މިސާލެއްގެ ގޮތުން މެލޭޝިއާއަށް ބަލާލަމާތޯއެވެ. ރާއްޖޭގައި ދިރާގު އުރީދޫއިން 30 ޖީބީގެ މޯބައިން ޕްލޭންއެއް ވިއްކާ އެވްރެޖް އަގަށްވުރެ 3 ގުނަ އަގު ހެޔޮކޮށް މެލޭޝިއާގައި 100 ޖީބީގެ މޯބައިލް އިންޓަރނެޓް ޕްލޭން ލިބެން ހުރެއެވެ. އަދި މިނޫނަސް ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާބަލާއިރު، ރާއްޖެ ހިމެނިގެން މިހާތަން ގޮސްފައިވަނީ، އިންޓަރނެޓްގެ އަގު ބޮޑު ގައުމެއްގެ ގޮތުގައެވެ.

އިންޓަރނެޓްގެ އަގުތައް ހެޔޮކޮށް ފޯރުކޮށްދެމުން އަންނަ ގައުމުތަކުގައި، އަގުތައް ހެޔޮކޮށްފައިވަނީ، އެގައުމުތަކުގެ ސަރުކާރުތަކުން އަގުތަށް ސީދާ ގޮތުގައި ރެގިއުލޭޓް ކޮށްގެނެއް ނޫނެވެ. އޭގެ ބަދަލުގައި މާރކެޓް ޑައިވާސިފައިކޮށް، އެ ވިޔަފާރި ފްރީ މާރކެޓަށް ދޫކޮށްލައިގެންނެވެ.

މިގޮތުން ބަލާއިރު، މެލޭޝިއާގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް 7 ކުންފުންޏަކުން ފޯރުކޮށްދެމުން ދެއެވެ. ސްރީލަންކާގައި 4 ކުންފުންޏަކުން އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، އިންޑިއާގައި ބްރޯޑް ބޭންޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ބޮޑު 5 ކުންފުންޏެއް އޮތް އިރު، ޖުމްލަ ގޮތެއްގައި އެގައުމުގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށް ދެމުންދާ 300 އަށްވުރެ ގިނަ ކުންފުނި ވެއެވެ.

އެހެންކަމުން، މިގައުމުތަކުގައި، އިންޓަރނެޓްގެ ޚިދުމަތް، އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދެމުން ދަނީ، ވިޔަފާރިއަށް މާރކެޓްގެ ކޮންޓްރޯލް ދޫކޮށްލައިގެންނެވެ. ވިޔަފާރީގެ ވާދަވެރިކަން ގެނެސްގެންނެވެ. ޚިދުމަތުގެ އަގު ކަޑައެޅުން، ވިޔަފާރީގެ ތެރެއަށް ދޫކޮށްލައިގެންްނެވެ. ނަތީޖާއެއްގެ ގޮތުން، ވިޔަފާރީގެ ވާދެވެރިކަމުގެ ތޭރޭގައި ދެމިތިބެން ބޭނުންނަމަ، ފެންވަރު ރަގަޅުކޮށް، އަދި ވީހާވެސް ހެޔޮ އަގުގައި ޚިދުމަތް ފޯރުކޮށްދެވިގެން މެނުވީ ކުރިޔަށް ދެވޭނެމަގެއް ފެންނާކަށް ނޯންނާނެއެވެ. މިހާލަތުގައި ޚިދުމަތުގެ އަގު ރެގިއުލޭޓް ކުރުމުގެ ވަރަށް ބޮޑު ބާރެއް ޚިދުމަތް ބޭނުންކުރަން ތިބޭ ކަސްޓަމަރުންގެ އަތްމައްޗަށް އާދެއެވެ.

ނަތީޖާއެއްގެ ގޮތުން، މުޅި މާރކެޓް މުށުތެރެއަށް ލައިގެން، ރައްޔިތު މީހާގެ ޖީބުގައި އޮންނަ މަދު ފައިސާކޮޅަކީ، ކުންފުނީގެ ފައިދާކަމުގައި ދެކި، މިއުސޫލުން ވިޔަފާރި ކުރުމުގެ މުސްކުޅި ސަގާފަތު ދޫކޮށްލަން ވިޔަފާރިތަކަށް މަޖުބޫރު ވެގެން ދާނެއެވެ.

އުރީދޫއިން ފޯރުކޮށްދޭ ސުޕަރނެޓް ޚިދުމަތް ފުޅާކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ

އިންޓަރނެޓްގެ އަގު ހެޔޮ ހުކުރި ކުރުމުގެ އަސަރު އިސާހިތަކުން ފިލައިގެން ހިގައިދާނެ

ސަރުކާރުން، މިދަޑިވަޅުގައި އިންޓަރނެޓްގެ އަގުހެޔޮ ކުރި ކުރުން ހެޔޮ ނިޔަތުގައި ބަލައިގަންނަން ޖެހެއެވެ. ސަބަބަކީ، އެއީ މިސަރުކާރުގެ ރިޔާސީ ވައުދަކަށް ވެފައި، އަދި ކޮންމެ ގޮތަކުން ނަމަވެސް، ކުރަންޖެހޭ ޚަރަދު މިދަޑިވަޅުގައި ކުޑަ ވެގެން ދިއުމަކީ ރައްޔިތު މީހާއަށް ލިބިގެންދާނެ ލުުޔަކަށް ވާތީއެވެ. އަދި އެއީ، އޭގެ ޝުކުރު ސަރުކާރަށް ހައްގުވާނޭ ކަމެއްވެސްމެއެވެ.

އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރާއްޖޭގައި އަދިވެސް އިންޓަރނެޓްގެ އަގު ބޮޑު ކަމެވެ. އަދި، ސަރުކާރުން ރެގިއުލޭޓް ކޮށްގެން، އިންޓަރނެޓްގެ އަގު ހެޔޮ ކުރިކުރުމަކީ، މާރކެޓް އުސޫލުން ގެނެވުނު ބަދަލަކަށް ނުވާތީ، އިންޓަރނެޓްގެ އަގު ހެޔޮ ކޮށްގެން، ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ ދެކުންފުނި ކަމުގައިވާ ދިރާގެ އަދި އުރީދޫއަށް އުނިވެގެންދާ ފައިދާ އެހެނިހެން ގޮތް ގޮތުން (ވިޔާފާރީގެ އުސޫލުން ނޫން ގޮތްގޮތުން) ފޫ ބެއްދުމުގެ ދޮރު އަދިވެސް މި ދެކުންފުންޏަށް އިންތިހާއަށް ހުޅުވިފައި އޮތްކަމެވެ.

މިގޮތުން، މިދެކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމްތަކުގެ އަގަށް މާދަމާ ބަދަލުތަކެއް ގެނަޔަސް، ރައްޔިތު މީހާއަށް "ޗޮއިސް"އެއް ނެތެވެ. އިއްޔެވެސް މިއަދުވެސް އެހާލަތަކަށް ބަދަލެއް ނާދެއެވެ. އަދި، މިހާރު ކުޑަކުރެވުނު އަގުގައިވެސް، މިހާރު ލިބެން ހުރި ޚިދުމަތް، މިހާރުވެސް ފޯރުކޮށްދެމުން ދާ އުސޫލުން ލިބިގަތުން ނޫން ހައްލެއް ރައްޔިތު މިހާއަށް ނެތުމުން، މިލިބެމުން އައި އާމްދަނީން ބައެއް އުނިވެގެން ގޮސްފައިވަނިކޮށް، އަމުދުން ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް މިދެ ކުންފުނިން މިވަގުތު އިތުރަަށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްވެސް ނުމެ ނެތްމެއެވެ.

އެހެންނަމަވެސް އެންމެ ރަގަޅެވެ. މިއަދު ސަރުކާރުން ކަޑައެޅުއްވި ބޭސްލައިންގައި އިންޓަރނެޓްގެ އަގު ހިފަހައްޓަން މި ދެކުންފުންޏަށްވެސް މިއަދު މަޖުބޫރެވެ. އެހެންނަމަވެސް، މި ދެކުންފުންޏަކީ، އިންޓަރނެޓް ނޫނަސް، އެނޫން އެތަކެއް ޚިދުމަތްތަކެއް ފޯރުކޮށް ދެމުން ދާ ދެކުންފުންޏެކެވެ. މިގޮތުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަތަކެއްވެސް އޮތީ މަނަޕޮލައިޒް ކުރެވިފައެވެ.

އަދި ހަމަ މި ބީދައިން، އިންޓަރނެޓްގެ އަގު މިއަދު ހެޔޮ ކުރެވިގެން ދިޔައިރު، ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން އިގްތިސާދަށް އަންނަމުންދާ ހީނަރު ކަމުގައި ތަކެތީގެ އަގު އުފުލި، އިންފްޕޭޝަނަށް މިވަނީ ނޭދެވޭ އަސަރު އިންތިހާއަށް ކޮށްފައެވެ. ރައްޔިތުންގެ އަތުގައި ހުރި ފައިސާގެ އަގު (ބައިން ޕަވަރ) ދަނީ ވެއްޓެމުންނެވެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ. އެހެންކަމަށް ވާނަމަ މިގެނެވުނު ބަދަލުން އެންމެ އެކަށީގެންވާ ނަތީޖާއެއް ރައްޔިތު މީހާއަށް އިހުސާވެގެން ނުވެ ދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ.

ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުމާއެކު، ރައީސް ސޯލިހު ދިރާގަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން

ހައްލު

އެހެންކަމުން އިންޓަރނެޓްގެ އަގު ހެޔޮކޮށް، މި ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ބޭނުންވާނަމަ، ސަރުކާރުން ނިންމަވަންވީ ހިތްވަރު ގަދަ އެންމެ ނިންމެވުމެކެވެ. އިންޓަރޓްގެ ޚިދުމަތް ފޯރިކޮށްދިނުން ފްރީމާރކެޓަށް ދުކޮށްލައްވާށެވެ. އެންމެ ދު ކުންފުންޏަކަށް، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މިފަދަ މުހިންމު އަސާސީ ޚިދުމަތަކަށް އަތް ގަދަކޮށްގެން ތާއަބަދަށް ތިބުމުގެ ފުރުސަތު ނުދެއްވާށެވެ. ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ އެހެނިހެން ފަރާތްތަކަށް ދައުވަތު ދެއްވާށެވެ. ފުރުސަތު ހުޅުވާ ލައްވާށެވެ. މި ސިނާއަތުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާ ލައްވާށެވެ.

ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުކޮށްގެން ދިރާގަށް އޮވެވުނީ އުރީދޫއިން މާރކެޓަށް ވަނުމާއި ހަމައަށެވެ. އެހާތަނުން ޚިދުމަތުގެ ފެންވަރު ރަގަޅުވެ، އަގު ހެޔޮވެގެން ދިޔައެވެ. އިންޓަރނެޓްގެ އަގުވެސް ހެޔޮކުރަން ސަރުކާރުން ވީވައުދު އޭގެ އެންމެ ރަގަޅު ގޮތުގައި ފުއްދަވަން ބޭނުންފުޅު ވާނަމަ މިއުސޫލުން އަމަލު ކުރައްވާށެވެ!

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.