އިދިކޮޚު ކޯލިޝަނުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމާއި، އެކަމަށް ހުރަސް އަޅައި، ފިތުނަވެރިކަން އުފެއްދުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ ރޭހުގައި ނިކުންނާނެ ކެނޑިޑޭޓަކާއިމެދު ވާދަވެރިކަން އުފެދިފައިވާކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ކޯލިޝަން ބައިބައިކޮށް ނެތި ކޮށްލުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށްގާތުން ފާރަވެރިކަމާށެވެ.
ނަމަވެސް މިކަމަކީ ކާމިޔާބު ވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި، މައްސަލަ އުފައްދައި، ކޯލިޝަން ބައިބައި ކުރުމަށް ކުރާ މަސައްކަތަކީ އެކޯލިޝަނުން ނުހަނު ފާރަވެރިވާކަމެއްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
PPM/PNCގެ ލީޑަރޝިޕް ފުޑާލުމުގެ މަސައްކަތަކީ ދުރާ ގާތުން ވަރަށް ރޭވުންތެރިކަމާއެކު ކުރަމުން ގެންދާ މަސައްކަތެއް. ދަންނަވާލަން އޮތީ ތިޔަ ކުރެވެނީ ބޭކާރު މަސައްކަތެކޭ. ތިޔަ މަގުޞަދު ޙާޞިލެއް ނުވާނެ. އިންޝާالله، ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން. މިތިބީ ވަރަށް ބަދަހިކޮށް ރައީސް ޔާމީނާ އެކު.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިޔާސީ ކެނޑިޑޭޓަށް އަބްދުއްރަހީމްއާއި، ޑރ.މުއިއްޒުވެސް ޝައުގުވެރިކަން ހުރިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ޑރ.މުއިއްޒު މާލެ ސިޓީ މޭޔަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން ކުރައްވަމުންދާ މަސައްކަތަކީ ރިޔާސީ ކެމްޕެއިންގެ މަސައްކަތް ކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަމާއި ގުޅިގެން ޑރ.މުއިއްޒުވެސް ވަނީ މިކަން ދޮގުކޮށް ޓްވީޓެއް ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ކިތަންމެ ދޮގުތަކެއް ހަދަމުން ދިޔަކަމުގައި ވީނަމަވެސް މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ.
އަޅުގަނޑާއި ބެހޭ ގޮތުން މިކަހަލަ ކިތަންމެ ދޮގު ވާހަކައެއް ދެއްކި ނަމަވެސް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި ހަވާލުކުރި ޒިންމަ އަދާކުރުމުގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ދެން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަން ތެރޭގައި ބައިބައިވުން އޮތްކަަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕާޓީ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، މެމްބަރުން މާޔޫސް ކޮށްލުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އަދި މިއީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޕާޓީ ބައިބައިކޮށް، ލީޑަރޝިޕްގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިއީ އާކަންތައްތަކެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުންގެ ރިޔާސީ ޓިކެޓަށް ޕާޓީ ތެރެއިންނާއި، ޕާޓީން ބޭރުން ގިނަ ބައެއްގެ ޝައުގުވެރިކަން ހުރިނަމަވެސް، ކޯލިޝަންގެ ރިޔާސީ ޓިކެޓަކީ ރައީސް ޔާމީންގެ ޓިކެޓެއް ކަމުގައި ކޯލިޝަން ހިންގަވަން ތިއްބެވި ބޭފުޅުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ