ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް ހައުސިން ޑިވޮލޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީން ) ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި ފްލެޓްތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އެހެންނަމަވެސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމަފައިވަނީ ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ނެގުމަށެވެ.
އެޗްޑީސީން ބުނީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ފްލެޓްގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ، ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެއްްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވަނީ ފްލެޓްތައް ހަވާލުކުރާއިރު ފިނިޝިން މަސައްކަތް ނުނިމެނޭތީ އެކަން ކުރުމަށެވެ.
ހިޔާ މަޝްރޫއުގެ މައުލޫމާތުތައް ވީހާވެސް ހަލުވިކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫޢުއަށް ހާއްސަ ރަސްމީ 'ވައިބަރ ޗެނަލް އެއް ތަޢާރުފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އަދި މި 'ވައިބަރ ޗެނަލުން އެޗްޑީސީގެ ވެބްސައިޓް އަދި މީސްމީޑިއާގައި ހިޔާ މަޝްރޫޢުއާ ގުޅޭގޮތުން ޝާއިޢުކުރެވޭ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ