ޝަރީފް، ބައްޓޭއަށް: އިލެކްޝަންގެ ސާވާ ސްލޯއެއް ނުވާނެ

ޝަރީފް، ބައްޓޭއަށް: އިލެކްޝަންގެ ސާވާ ސްލޯއެއް ނުވާނެ

Author
މުޙައްމަދު ޝަޒައިމް
26 މެއި 2021 02:44
0

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރުކަމަށް ހުށައެޅި ފޯމް ބަލައިނުގަތް މައްސަލަ، ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު ހައިކޯޓަށް ހުށައެޅުމަށް ނިންމާފައިވާ ނިންމުމަށް އިލެކްޝަނުން ރައްދު ދެއްވައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮމިޝަނަށް ބަޝީރުގެ ފޯމް ލިބިފައިވަނީ ކަނޑައެޅިފައިވާ ސުން ގަނޑިއަށްވުރެއް ލަހުން ކަމަށެވެ. ޝަރީފްވަނީ އިލެކްޝަންގެ ސިސްޓަމުން އެކަން ފެންނަ ގޮތަށް ޓްވީޓުގައި ހިސްސާވެސް ކުރައްވާފައެވެ.

އިލެކްޝަންގެ ސާވާ ސްލޯއެއް ނޫން. އިލެކްޝަން ކޮމިޝަންގެ ސާވާގައި ބަޝީރު ފޮނުވި މެއިލް ކިއު ވެފައި އިނީ 14:04:01 ގައި. އިލެކްޝަނަށް ޑެލިވާ ވެފަ އިނީ 14:04:09ގައި. ސާވާގެ އީމެއިލް ލޮގް ރެކޯޑް ޗެކްކޮށްފަ އީސީ އިން ނިންމި ނިންމުން ނިންމަފައިވާނީ.

– ޝަރީފް ވިދާޅުވިއެވެ.

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އައްޔަންކުރާ މެންބަރުކަމަށް ބަޝީރު ފޯމް ހުށައަޅާފައިވަނީ ސުންގަޑި ހަމަވިފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިއާއެކު މުއަދަރި ހަމަވިއިރު އެމަޤާމަށް ކުރިމަތިލައްވާފައިވަނީ، ކ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލްކަމަށް ވުމާއެކު، އޭނާ ވަނީ އެ މަޤާމަށް އިންތިޚާބުވެފައެވެ.

ބަޝީރަކީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލަރެކެވެ. އަދި ނިމާލަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ. އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ތެރެއިން އިންތިޚާބުކުރާ މެންބަރުކަމަށް ކުރިމަލުމުގެ ސުންގަޑި ހަމަވީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00އަށެވެ. އީސީން ބުނީ ބަޝީރު ފޯމް ހުށައެޅުއްވީ 02:04ގައިކަަމަށެވެ. ނަމަވެސް ބަޝީރު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ބަޝީރު ވިދާޅުވީ، ފޯމް ހުށައެޅުމަށް ހުޅުވާލީ އީމެއިލް މެދުވެރިކޮށްކަމަށްވުމާއެކު، ގަޑި ހަމަވުމުގެ ކުރިން އީމެއިލް ކުރެއްވިކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އިންތިޚާބީ މައްސަލައެއްކަމަށްވާތީ މާދަމާ އެ މައްސަލަ ހައިކޯޓަށް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.

އަތޮޅު ކައުންސލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް ނިމާލް އިންތިޚާބުވެފައިވާއިރު، ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ މެންބަރުން އިންތިޚާބުކުރުން އޮންނާނީ ޖޫން މަހުގެ 12ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.