ހިޔާ ފްލެޓްތަކަށް ރައްޔިތުން ވަންނައިރު، ނުނިމިހުރި އެކި ކަންކަން ނިންމުމަށް އެރައްޔިތުންގެ ޕެންޝަނުން ފައިސާ ހަމެޖެހޭނެ ގޮތެއް އިންތިޒާމު ކުރަންޖެހޭކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާފްލެޓްތައް ހަވާލުކުރާއިރު ބައެއް މަސައްކަތް ނުނިމޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ އަމިއްލަ ޖީބުން ރައްޔިތުން ހޭދަކުރުމުގެ ބަދަލުގައި މިކަމުގައި ރައްޔިތުންގެ ޕެންޝަން ފައިސާއިން ޚަރަދު ކުރެވޭނެ ވަސީލަތް ހަމަޖައްސަން ޖެހޭކަމަށެވެ.
ހިޔާ ފްލެޓް ތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރަންޖެހޭ ޚަރަދަށް ލުޔެއް ދެއްވުމުގެ ގޮތުން، އެ ރައްޔިތުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިޚްތިޔާރު އެ ރައްޔިތަކަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަކީ މުހިންމު ކަމެއް ކަމުގައިދެކެން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ޕްލެޓްތަކުގެ ކުއްޔަކީ 7500ރ. އެވެ. ސަރުކާރުން ނިންމާފައި ވަނީ ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ.
ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ ޖުމްލަ 6720 ހައުސިންގ ޔުނިޓެވެ. ހިޔާ ފްލެޓްގައި، ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް މިހާތަނަށް ގުރުއަތުލުން ކުރިއަށްގެންދިޔައީ 5603 ޔުނިޓްގެއެވެ. އެއީ އޭރު އެޗްޑީސީއަށް ހައުސިންގ މިނިސްޓްރީން ފޮނުވާފައިވާ ލިސްޓްތަކެވެ.
ހިޔާ ފްލެޓްތައް ދޭއިރު މުށިޖެހުމާ ދޮރު ހަރުކުރުންފަދަ ބައެއް މަސައްކަތްތައް ހުންނާނީ ނުނިމިއެވެ. މި މަސައްކަތް ކުރިއަށްގެންދަންޖެހޭނީ ފްލެޓްތަކުގެ ވެރިންނެވެ. އެޗްޑީސީން ވިދާޅުވީ ފިނިޝިން މަސައްކަތް ނިންމުމަށް 3މަހުގެ މުޙުލަތެއް ދޭނެކަމަށެވެ. އަދި މި މުއްދަތުގައި ފްލެޓަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެކަމަށެވެ.
ހިޔާ ފްލެޓްތަކަކީ 2ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. ފްލެޓްތަކުގެ އަގުގެ ގޮތުގަ ސަރުކާރުން ކަނޑައަޅާފައިވަނީ މަހަކު 7500ރުފިޔާއެވެ. ފްލެޓްތަކަށް މީހުން ބަދަލުވާއިރު، އާއްމު ދަތުރުފަތުރުގެ ނިޒާމާ، ކުދި ވިޔަފާރިތައްވެސް އެ ސަރަޙައްދަށް އަންނާނެއެވެ. ހިޔާ ފްލެޓަށް މީހުން ބަދަލުވާއިރު 30،000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ