ކޯވިޑް މެނޭޖް ކުރުމުގައި ސަރުކާރުވަނީ ނުކުޅެދިފައިކަމަށާއި، ސަރުކާރަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްނުދެވި ވެރިން ފެއިލްވެފައިވަކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލާ އެކަން ޙައްލު ކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ފެސިލިޓީތަކުން އެކަށީގެންވާ ޚިދުމަތް ނުލިބޭކަމީ ނުހަނުބޮޑުވާ ކަމެއްކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރަށް ބިލިޔަނުން ހިލޭ އެހީގައި ފައިސާ ލިބިފައިވާއިރުވެސް ކޯވިޑްގެ ކަންކަން ހައްލު ކުރުމަށް ކުރެވުނު އެއްވެސް ކަމެއް ނުފެންނަކަމަށެވެ. މިއަދު ފަރުވާދޭ ޑޮކްޓަރުންނާއި، ނަރުހުން ވަރުބަލިވެ އެކަށީގެންވާ ވަސީލަތް ނެތުމުގެ ޝަކުވާ އެބޭފުޅުންވެސް ކުރަމުންދާކަމަށެވެ.
މިހާލަތުގައި އަތޮޅު ތެރޭގައި ކޯވިޑް ކޮންޓްރޯލް ނުވާއެންމެ ބޮޑު ސަބަބަކީ ޓެސްޓް ކުރުމަށްފަހު ނަތީޖާ ލިބުން ލަސްވުންކަމަށް ޝިޔާމް ވިދާޅުވިއެވެ. މިވަތު ކޯވިޑްގެ އެންމެ ހާލަތު ރަށްތަކުންގެ ތެރެއިން ޝިޔާމް ނިސްބަތްވަ ނައިފަރުގެ ހާލަތަށް އަލި އަޅުވާލަމުން ޝިޔާމް ވިދާޅުވީ، 2 މަސް ދުވަސް މޮނިޓަރިންގައި އޮތްއިރު، ސަރުކާރުގެ އިހުލާލު އިންތިހާއަށް ބޮޑު ކަމަށެވެ.
ރަށުގައި އެކަށީގެންވާ ފަރުވާ ނުދެވި 2 މަސް ދުވަހު ގޭބަންދުގައި ބޭތިއްވުމުގެ ސަބަބުން އެތައް ނުރަނގަޅު ކަންކަމެއް ރަށުން ފެންނަމުންދާކަމަށެވެ. އިޖުތިމާއީ މައްސަލަތަކައި، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ މިހާލަތު ކޮންޓްރޯލް ކުރުމަށް، މިވަގުތު ސިފައިންނާއި ހަވާލުކުރަންޖެހޭކަމަށެވެ. އަދި މިކަމުގައި ސަރުކާރު ފެރިލްވެ ވެރިންގެ ޒިންމާ އަދާނުކުރެވޭކަން ދިވެހި ރައްޔިތުންނަށް މިއަދު ހާމަވެފައިވާކަމަށެވެ.
ރޭ ނޫސްވެރިންނައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދަޅުވެފައިވަނީ ކޯވިޑް މެނޭޖް ނުކުރެވިގެން ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ކޯވިޑް އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން ގިނަ އެދުތަކެއް ތައްޔާރު ކުރެވި ވަސީލަތް ގާއިމްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި މިހާރު ހުރި އެދުތަކާއި، އަސީޔޫއާއި، ވެންޓިލޭޓަރު އެދުތަކާއިއެކު މިސަރަހައްދުގައި އެކަށީގެންވާ ވަރަށް ފަރުވާދޭނެ ވަސީލަތް އެބަހުރިކަމަށެވެ. ނަމަވެސް އެންމެބޮޑު ދައްޗަކީ ފަރުވާދޭންތިބި ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަމުންނީ އަންނަ މަހުގެ މެދު ތެރޭގައި އިތުރު ޑޮކްޓަރުންނާއި، ނަރުހުން ރާއްޖެއަށް ގެނައުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ