ކަރަންޓް ބިލާއި، ފެންބިލު ކުޑަކޮށްދެއްވުމަށް ސަރުކާރުން ނިންމަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޭބިސީތަކުގެ ފެންބިލުތަކުން މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް 30 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން 20 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާވާފައިވާކަމަށެވެ. މީގެ އިތުރުން ގޭބިސީ ތަކުގެ ކަރަންޓް ބިލްތަކުން 40 ޕަސެންޓް، އަދި ވިޔަފާރި ކުރާ ތަންތަނުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެންމެ ބޮޑު ދަތިތަކެއް އަދި ގެއްލުންތަކެއް ވާނީ ކުދި ވިޔަފާރިތަކަށް. މިކަމަށްޓަކައި މިހާރު ވާނީ ކުދި ވިޔަފާރިތަކަށް، ސޮފްޓް ލޯނުތަކެއް ދޭން ނިންމައިފައިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކެފޭ އަދި ރެސްޓޯރެންޓާއި ޖިމް އާއި ސެލޫންތައް ހިމެނޭކަމަށެވެ. މީގެ އިތުރުން ބީއެމްއެލް އިން ޖޫންގެ ތެރޭފައި 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްތަކެއް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާލަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކަމަށާއި، މިމަސައްކަތުގައި މިހާލަތުގައި ދެވެން އޮތް އެންމެ މަތީ މިންވަރަކަށް ލުއި ދެއްވާނެކަމަށެވެ. މިބަލިމަޑުކަމުން އަރައި ގަތުމަށް އެންމެބޮޑަށް ބޭނުންވަނީ އާންމު ރައްޔިތުންގެ އެއްބާރުުލުން ކަމަށާއި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމުކޮށް، ހުރިހާ ރައްޔިތުންވެސް މިކަމުން އަރައިގަތުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ މިކަމުން ދާދި އަވަހަށް އަރައިގަނެވޭނެކަމަށެވެ. އަދި މިއާއިއެކު އަލުން އުޅުނު ދިރިއުޅުމަށް ރުޖޫޢަވުމަކީ އެންމެބޮޑު އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ