މިއީ ސިޔާސީ ތަފާތުތައް އެއްކިބާކޮށް، އެކީގައި މަސައްކަތް ކުރަންވީ ވަގުތު: ޑރ.ވަހީދު

މިއީ ސިޔާސީ ތަފާތުތައް އެއްކިބާކޮށް، އެކީގައި މަސައްކަތް ކުރަންވީ ވަގުތު: ޑރ.ވަހީދު

Author
މުޙައްމަދު ޝަޒައިމް
25 މެއި 2021 06:43
0

މިވަގުތަކީ ސިޔާސީ ތަފާތުތައް އެއްކިބާކޮށް، އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައިވެސް މުހިންމު ދައުރެއް އަދާކުރައްވާ ރައީސް ވަހީދުވަނީ ކޯވިޑް ބަލީގައި ނިޔާވެފައިވާ މީހުންގެ ފުރާނަމަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށް ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަދި އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިފައިވެއެވެ. ރައީސް ވަހީދު ވިދާޅުވީ ކޯވިޑްގެ މި ނާޒުކު ހާލަތުގައި ހުރިހާ ރައްޔިތުންވެސް އެއްބައިވަންތަކާއިއެކުގައި މަސައްކަތް ކުރަންޖެހޭކަމަަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް ޤައުމީ މަސްލަހަތު އިސްކޮށް އެކީގައި މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.

މިވަގުތަކީ ސިޔާސީ ތަފާތުތައް އެއްކިބާކޮށް، އެކީގައި މަސައްކަތް ކުރަންވީ ވަގުތު. ޑަބްލިއުއެޗްއޯގެ ތަޖުރިބާ ކާރު ޑރ.އަބްދުއް ސައްތާރު ޔޫސުފް އާއި، ކުޑަދަހަރާގޭ މުހައްމަދު ރަޝީދު ފަދަ ބޭފުޅުންގެ ބޭނުން ހިފަންވީ ވަގުތު.

– ޑރ.ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ބަލީގައި ނިޔާވާ މީހުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އުފުލެމުންނެވެ. ބަލިޖެހޭ މީހުންގެ ތެރެއިން ގިނަބަޔަކު މިހާރުވެސް ހާލަތު ގޯސްވެގެން ފަރުވާދެމުންދާއިރު، އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު މަޖިލިސް މެމްބަރުންވަނީ މަޖިލީހަށް ކުއްލި މައްސަލަތަކެއްވެސް ހުށަހަޅާފައެވެ.

ރާއްޖޭގައި ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރުކަށި ކުރަމުންދާއިރު، ސަރުކާރުން ފިޔަވަޅުތައް އެޅުމުގައި އެންމެ އެކަށީގެންވާ ގޮތަށް އަމަލު ކުރެވިފައިނުވާކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިދިކޮޅު ކޯލިޝަނުންވަނީ އިއްޔެ ބޭއްވި ނޫސްވެރިންްގެ ބަދަލުވުމުގައި މިހާލަތުގައި ސަރުކާރާއިއެކީ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.