ކޯވިޑް-19ގެ މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ
ވާރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާރޗުއަލްކޮށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައި ވިދާޅުވީ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖެއަށް ކޯވިޑް-19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާކަމާއި، މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށް މިނިސްޓަރ ނަސީމްގެ ތަޤުރީރުގައި ވިދާޅުވިއެވެ. ސިއްޙީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްޤެއް ކަމަށެވެ.
މިނިސްޓަރުގެ ތަޤްރީރުގައި ދިވެހިރާއްޖޭގެ ނާޒުކު ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއިން މިހާތަނަށް ކޯވިޑް-19ގެ ކަންކަމުގައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ޑަބްލިޔު.އެޗް.އޯގެ ހުރިހާ މެމްބަރު ޤައުމުތަކުން ގުޅިގެން ކޯވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އެދިވަޑައިގެންނެވިއެވެ.
އަދި ހަމަ އެއާއިއެކު ދިވެހިރާއްޖޭއަކީ ނިސްބަތުން ޞިއްޙީދައިރާއަށް ގިނަގުނަ ހޭދަ ކުރަމުން އަންނަ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮރޯނާ ވައިރަސް މީހުންނާއި ޤައުމުތަކުގެ ތަފާތު ނުދަންނަކަމާއި، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމުގައެވެ.
ތަޤުރީރު ނިންމަވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޑަބްލިޔު.އެޗް.އޯ އިން ކޯވިޑް-19ގެ ކަންކަމުގައި މެމްބަރު ޤައުމުތަކަށް ފޯރުކޮށްދެއްވާ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުކަމުން، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުން މުހިއްމުކަމަށެވެ.
ހަމައެހެންމެ ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ޙާލަތްތައް ދިމާވާނެކަމަށް ބަލާ ޢަމަލުކުރާނެ ގޮތްތަކެއް ދުރާލާ ކަނޑަޅާފައި ބެހެއްޓުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތައް ނުވަތަ ކައުނީ ވަބާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ ޕްލޭންތައް ޤައުމުތަކުގައި ކުރީއްސުރެ ހުރި ނަމަވެސް، މި ޕެންޑަމިކުން އަޅުގަނޑުމެންނަށް ހާމަކޮށްދިން އެއް ޙަޤީޤަތަކީ، އެއްވެސް ޤައުމެއް އަދި މުޅި ދުނިޔެވެސް އޮތީ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެކަމެވެ.
ކޮމެންޓު ފޮނުވާ