ރާއްޖޭގެ މާލީހާލަތު މިހާބޮޑު އަދަވަޅެއްގައި ވަނިކޮށް، ހެޔޮވެރިކަން ކުރާބަޔަކު ޕާޓީ ކުދިން ރުއްސުމަށް އިތުރު ވަޒީފާ އުފައްދައި، މަޤާމުތައް ނުދޭނެކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މިހާލަތުގައި، ދައުލަތުގެ ޚަރަދުތައް ވީހާވެސް ކުޑަކޮށް، ޚަރަދުކުޑަ ނިޒާމެއް ގާއިމްކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުންވަނީ ލަފާ ދެއްވާފައެވެ. އަދި ދައުލަތުމުގެ މާލީ އިދާރާތަކުގެ ތެރެއިން އެމްއެމްއޭއިންވެސް ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ވީހާވެސް ޚަރަދު ކުޑަގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ލަފާ ދެއްވާފައެވެ.
ނަމަވެސް ނިމިދޔަ ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީގެ ކައުންސިލަރުންގެ ތެރެއިން މަޤާމު ގެއްލުނު ބައެއް ކައުންސިލަރުންނަށް މިހާރު ދަނީ މަޤާމުތައް ދެމުންނެވެ. މިއަދުވެސް ވަނީ މާލެ ސިޓީ ކައުންސިލްގެ ޑިޕިއުޓީ މޭޔަރުގެ މަޤާމު ފުރުއްވި ޝަމާއު ޝަރީފަށް ހެލްތު މިނިސްޓްރީގެ ނާއިބްކަން ދެއްވާފައެވެ. މިކަމާއި ގުޅިގެން ކުރީގެ އޮޑިޓަރ ޖެނެރަލް ވިދާޅުވީ ވަޒީފާ ނެތް ކޮންމެ ޕާޓީގެ މެމްބަރަކަށް ނުވަތަ ކުއްޖެއްގެ ޒިންމާ ދައުލަތަށް ވާރުތަ އަރަންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. ދައުލަތުގެ މާލީ ހާލަތު މިހާބޮޑަށް ދަށްވެފައިވާ ހާލަތުގައި އިތުުރު މަޤާމު އުފައްދައި އިތުރު މަޤާމުތަކަށް މީހުން ލުމަކީ ހެޔޮވެރިކަން ކުރަން އެދޭބަޔަކު ކުރާނެ ކަމެއްނޫންކަމަށް ނިޔާޒު ވިދާޅުވިއެވެ.
ހެޔޮވެރިކަން ކުރުމަކީ އިޤްތިޞާދީގޮތުން މިހާދަތި އަދި، ދައުލަތް މިހާބޮޑަށް ދަރަނިވެފައިވާ ދަނޑިވަޅެއްގައިވެސް، ލޯކަލް ކައުންސިލް އިންތިޚާބުން ނާކާމިޔާބުވި ޕާޓީ ކުދިން އެކި ނަން ނަމުގައި ދައުލަތުގެ މުސާރަވެރިންނަށް ބަދަލުކުރުންތޯ؟ ވަޒީފާއެއްނެތް ކޮންމެ ޕާޓީ ކުއްޖެއްގެ ވާރުތަ ދައުލަތައް އަރަނީ ކޮން ގޮތަކަށްތޯ؟
– ނިޔާޒު ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތާއި ގުޅިގެން އިޤްތިޞާދީ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެ މިދިޔަ އަހަރުވަނީ 4.4 ބިލިޔަން ރުފިޔާ ވަނީ ޗާޕްކޮށްފައެވެ. ނަމަވެސް އެފައިސާއިން ޞިއްޚީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ނުކޮށް، ސަރުކާރުން ހޭދަކޮށްފައިވަނީ ކައުންސިލް ކެމްޕެއިންނަށާއި، ސިޔާސީ އެކި މަސައްކަތްތަކަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ