އީސަ ހައްޔަރު ކުރުމުގެ އަމުރު ނުދިން މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި

އީސަ ހައްޔަރު ކުރުމުގެ އަމުރު ނުދިން މައްސަލަ އިސްތިއުނާފް ނުކުރަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 04:22
0

ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ އަހުމަދު އީސާގެ މައްސަލަ އިސްތިއުފާ ނުކުރަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އަޙްމަދު އީސާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.

މި ނިންމުން ބިނާކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤުގެ މައިގަނޑު މަސައްކަތްތައް ނިމި، މި އޮފީހަށް ހުށަހެޅުމުގެ މަރުޙަލާގައި އޮތުމުން، ދަޢުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވުމާއި، ތަޙުޤީޤަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުޞަތު ކުޑަވުމުގެ އިތުރުން އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވުމާއި އަދި މިއަމުރަށް އެދި ހުށަހެޅިއިރުގެ ޙާލަތާއި، މިހާރުގެ ޙާލަތު ބަދަލުވެފައިވުން ކަމަށެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލަ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅުނު ބައެކެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން މިހާރު ވަކިކޮށްފައިވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާއެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. ކައިވެނި ރޫޅިފައިވާ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ހާދިސާ ހިނގި ވަގުތު ފުލުހުން ވެސް ވަނީ އެތަނަށް ގޮސްފައެވެ. އަދި ފުލުހުންގެ އެހީތެރިކަމާ އެކު އަސްރާ އެ ވަގުތު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށާއި އަސްރާގެ އަތުގެ ކަށިކޮޅެއްގައި ރެނދެލާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.

އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ވެސް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.