ހުޅުމާލޭ ފެސިލިޓީގައި ހުރި ގިނަ ކަންބޮޑުވުންތަކާއިކު މަޖިލީހަށް މައްސަލައެއް

ހުޅުމާލޭ ފެސިލިޓީގައި ހުރި ގިނަ ކަންބޮޑުވުންތަކާއިކު މަޖިލީހަށް މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
24 މެއި 2021 04:05
0

ކޯވިޑް-19 ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވާތީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމަށް ހުރި ދަތިތައް ބަލާ އެކަން ޙައްލު ކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ  ކޯވިޑް-19 ބަލިޖެހިގެން ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފާއިތުވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވި މީހުންކަމަށެވެ. ފާއިތުވި 22 ދުވަހުގެ ތެރޭގައި މި ބަލީގައި 50އަށް ވުރެ ގިނަ މީހުން ރާއްޖެއިން ނިޔާވެފައިވާތީއާއި ކުރިއާ ޚިލާފަށް މިހާރު ނިޔާވާ މީހުންގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ހިމެނޭތީއާއި އުމުރުން 50 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން މަރުވާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަމަށެވެ.

މި ބަލީގައި ނިޔާވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާ މީހުންކަން ފާހަގަކުރެވޭތީއާއި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 41 މީހުން ނިޔާވެފައިވާއިރު އެއިން 27 މީހުން ނިޔާވީ ހުޅުމާލެ ފެސިލިޓީގައި ކަމަށްވެފައި އައިޖީއެމްއެޗްގެ އާރުގައި 7 މީހުން ނިޔާވެ އޭޑީކޭ އީއާރުގައި އެކަކު ނިޔާވެފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިން މީހުންގެ ތެރެއިން ނިޔާވީ 6 މީހުންކަމަށްވާތީ، މަދު ވަސީލަތްތަކާއެކު ޑޮކްޓަރުންނާއި ނަރުހުންނާއި އަދި އިސްސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން އެކުރައްވާ މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ނަމަވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދިނުމުގައި މައްސަލައެއް ނުވަތަ ދަތިތަކެއް ހުރިތޯ ބަލައި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީން ދިރާސާކޮށް މިކަމާގުޅިގެން އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ މިމައްސަލާގައި ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.