ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްސަލަ ބެލުމަށް މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ސިއްރުކޮށްފިއެވެ.
އީސަގެ ކުރީގެ އަނބިކަނބަލުން އަދި ނާއިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އީސަވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީންވެސް އިސްތިއުފާ ދެއްވާފައެވެ. އަސްރާ ވަނީ މައްސަލައާއި ގުޅިގެން ފުލުހުންނަށް ބަޔާނެއް ވެސް ދެއްވާފައެވެ.
މިމައްސަލާގައި މިއަދު މަޖިލީހުގެ ހިއުމަންރއިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުން ސިއްރުކުރުމަށް ނިންމާފައިވަނީ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކޮމިޓީ ސިއްރުކުރަން މެމްބަރުން ވޯޓަށް އެއްސެވުމުން ގިނަ މެމްބަރުންގެ ތާއީދާއިއެކުގައެވެ. މިބައްދަލުވުން ސިއްރު ކޮށްފައިވަނީ މިފަދަ މައްސަލަތުގައި ޝާމިލުވާ އިދާރާތަކާއިއެކު ކޮމިޓީން މިއަދު ބައްދަލުވުން ކުރިއަށް ގެންދާތީއާއިވެސް އެކީގައެވެ.
އެގޮތުން މި ބައްދަލުވަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުންނާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ބައިވެރިވިއެވެ.
އީސަ އަށް ކުރާ ތުހުމަތާ ގުޅިގެން ފުލުހުންގެ އެދުމަކަށް އޭނާ ހައްޔަރުކުރަން ޕީޖީ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން އަމުރެއް ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެން ދެކޮޅު ހަދާފައެވެ. މިމައްސަލާގައި އީސަ މަޤާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޝުޢޫރު ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ