ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށްޓަކައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލާފައިވަނީ އިދިކޮޅުން ކ.އަތޮޅުގެ ކައުންސިލް ރައީސްކަން ކުރައްވާ މުހައްމަދު ނިމާލްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މުއްދަތު ހަމަވިއިރު، ނިމާލް ފިޔަވައި އެހެން ބޭފުޅަކު މި މަޤާމަށް ކުރިމަތިލާފައި ނުވެއެވެ. މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 12 ވަނަދުވަހު ބޭއްވުމަށް އިލެކްޝަނުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެންމެ ބޭފުޅަކު ކުރިމަތި ލެއްވުމުން އިންތިޚާބަކާއި ނުލައި މި ގޮޑި ކަށަވަރު ވެގެންދާނެއެވެ.
ނިމާލް އަށް މަރުހަބާ ވިދާޅުވެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ވިދާޅުވީ ސުން ގަޑިހަމަވިއިރު ކުރިމަލާފައިވަނީ ނިމާލް އެކަނިކަމަށެވެ.
އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލް ތަމްސީލް ކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ ކ.އަތޮޅު ކައުންސިލް ރައީސް، ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލްއެކަނި. މަރުހަބާ ނިމާލް.
– ޝުޖާ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
09 މެމްބަރުން ތިއްވަބާ އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިިމަހުގެ 16 ވަނަދުވަހު ހުޅުވާލާފައެވެ. މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ 12:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން ދެން އެލްޖީއޭގެ ބޯޑުގައި ހިމެނޭނީ ، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގައިވާ ގޮތުގެ މަތީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވަނީ 9 ޖޫން 2020 ގައެވެ. އަލަށް އެކުލަވާލި އެ ބޯޑު ދެމި އޮންނާނީ އާ ކައުންސިލް އިންތިޚާބު ވަންދެންނެވެ.
މިދިޔަ މަހުގެ 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކުރި ކައުންސިލަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން މިމަހުގެ 17 ވަނަދުވަހު ހުވާކޮށް މަޤާމާއި ވަނީ ހަވާލުވެފައެވެ.
ކޮމެންޓު ފޮނުވާ