ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމަށް އެރޭ ވިދާޅުވީ އާޢިލާއިން ދެއްވި މަޢުލޫމާތަށް ބިނާކޮށްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން އެމަނިކުފާނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން، އެމަނިކުފާނުގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެން، އެމަނިކުފާނުގެ ޢާއިލާ ބައެއް މެންބަރުންނާވެސް ބައްދަލުކުރެއްވިކަމަށެވެ. އަދި ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކަލެއް ނެތްކަމަށް އޭރު ވިދާޅުވީ، އެއީ ޙާދިސާ ހިނގިތާ ވަރަށް ކުރީކޮޅުކަމަށްވެފައި، އެމަނިކުފާނަށް ފަރުވާދެމުންދިޔަ ޑޮކްޓަރުން އެމަނިކުފާނުގެ ޢާއިލާއަށް ދެއްވި މަޢުލޫމާތުތަކަށް ރިޢާތްކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ އެއްވެސް ޙާލެއްގައި މައްސަލައިގެ ސީރިއަސްކަން ކުޑަކުރުމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑު ދެންނެވި އެއްޗެއް ދެންނެވީ ޢާއިލާ މެމްބަރުންނާއި ބައްދަލުކޮށް ޑޮކްޓަރުންގެ ފަރާތުން އެ ޢާއިލާއަށް ދިން މަޢުލޫމާތަށް ރިޢާޔަތްކޮށް. އެވަގުތުވެސް އެކަން ބަލާ ތަޙްޤީޤުކުރާނެ ވާހަކައާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ވާހަކަ އޭރުވެސް ދެންނެވިން.
– މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ވާހަކަތަކާއި ގުޅިގެން މަޖިލިސް ނާއިބް ރައީސް އީވާ ވިދާޅުވީ، އޭޑީކޭގައި ފަރުވާގެ ކަންކަން ކުރިއަށްދިޔައިރު ޑޮކްޓަރަކުވެސް އަދި އާއިލާއިންވެސް ރައީސް ނަޝީދުގެ ޙާލުކޮޅު ރަނގަޅުކަމަކަށް އެވީ ވިހިގަޑިއިރުގެ ތެރޭގައި އެންމެ ފަހަރަކުވެސް ވިދާޅުވެފައި އޮންނާނެކަމަށް ޤަބޫލުކުރަން ދަތިކަމަށެވެ. އަދި ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ދެއްކެވި ވާހަކަތަކެއް އިމްރާން ވިދާޅުވުމުން، ރައީސް ނަޝީދުގެ ފަރުވާގެ ކަންކަން ގާތުން ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އެކަމާއި ހިތާމަކުރައްވާކަމަށްވެސް އީވާ ވިދާޅުވިއެވެ.
އަޅުގަނޑަކީ ރައީސް ނަޝީދު ސަރޖަރީގައި އޮންނެވިހާ ވަގުތަކު މަޖިލީހުގެ ޖަލްސާއަށް ވަނުމަށް ފިޔަވާ އެ ހޮސްޕިޓަލުން ނިކުތް މީހެއް ނޫން. އަދި ޑޮކްޓަރުން ދެއްވަމުން ގެންދެވި ހުރިހާ އަޕްޑޭޓެއް އަޅުގަނޑު ހުރިހާ ވަގުތެއްގައިވެސް އަޑުއެހިން. އަޅުގަނޑަށް ކަށަވަރު ޢާއިލާއަކުން ރައީސް ނަޝީދުގެ ޙާލަތު އެވަގުތު ރަނގަޅެކޭ ވިދާޅުވެފައެއް ނޯންނާނެކަން.
– އީވާ ވިދާޅުވިއެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއެކު މިތަކެތި ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ނަޝީދަށް މިހާރު ގެންދަނީ ޖަރުމަނުގައި އިތުރު ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ