ކޯވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ރައްޔިތުން އުންމީދުކޮށް ތިބޭނީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މެސެޖަކަށް ކަމުގައި ރައްޔިތުންގެމަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުގައި ޤައުމު އޮތްއިރު ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް އަޑު ނީވި ގިނަބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ވަގުތެއްގައެވެ. އަލީ ހުސެއިން ވިދާޅުވީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު، ރައްޔިތުން އުންމީދު ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކޮށް، ވާހަކަފުޅު ދައްކަވާނެ ވަގުތަކަށްކަމަށެވެ. އަދި ރައީސް ދެއްވާނެ މެސެޖަކާއި، ރައްޔިތުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ހުންނާވަކަން އިހުސާސް ވުމަކީ މިހާލަތުގައި ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަ ޖެހުންކަމަށެވެ.
ކޯވިޑާއި ގުޅިގެން ގައުމުގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދާއިރު ރައްޔިތުން އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ރައީސުލް ޖުމްހޫރިއްޔާ އެ މީހުންނާ ވާހަކަ ދެއްކުން. ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރާތަން ފެނުން.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކުވެސް ރާއްޖެއިން ގިނަ ބަޔަކު ދަނީ ނިޔާވަމުންނެވެ. ބަލީގައި އެތައް ބަޔަކު މިހާރުވެސް ސީރިއަސް ހާލަތުގައި ތިބިއިރު، މިކަމުގައި ސަރުކާރުން އިތުރު ޓާސްފޯސް ހަދާވާހަކަ ނޫން ވާހަކައެއް މިހާތަނަށް އަޑު އިވިފައި ނުވެއެވެ. ކޯވިޑްގެ މިހާލަތުގައި ވަސީލަތްތައް އިތުރުކޮށް އެކަށީގެންވާ ފަރުވާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ކޯވިޑްގައި މިހާތަނަށް ރާއްޖެއިން 128 އަށްވުގެ ގިނަ މީހުން ނިޔާވެފައިވާއިރު، މިމަހުގެ މިހާތަނަށް 50 އަށްވުގެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ