އެޗްޕީއޭގެ އެންގުމަށް މަޖިލީހުން އިހުތިރާމް ކުރުމަށް މޫސަ ގޮވާލައިފި

އެޗްޕީއޭގެ އެންގުމަށް މަޖިލީހުން އިހުތިރާމް ކުރުމަށް މޫސަ ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 މެއި 2021 07:45
0

ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާ މިހާލަތުގައި އެޗްޕީއޭއިން އަންގާފައިވާ އެންގުމަތަކަށް ރައްޔިތުންގެ މަޖިލީހުންވެސް އިހުތިރާމް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިފަދައިން ވިދާޅުވެފައިވަނި ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރުމަށް، ސަރުކާރުން ނިންމާފައިވާއިރުވެސް މަޖިލީހުން އެނިންމުމަށް އިހުތިރާމް ނުކުރާތީއެވެ. މަޖިލީހުން ގެންދަނީ ކޮންމެ ދުވަހަކު އިދާރީ މުވައްޒިފުން މަސައްކަތަށް ނެރެ މަޖިލީހުގެ މަސައްކަތް ކުރަމުންނެވެ.

މޫސަ ވިދާޅުވީ މިހާލަތުގައި މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިސް ބޭފުޅުން މުވައްޒިފުންގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. މިހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް މަޖިލިސް މުވައްޒިފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުން ގޭގަތިބެގެން މަސައްކަތްކުރައްވާއިރު މަޖްލީހުގެ ހުރިހާ އިދާރީމުވައްޒަފުން ކޮންމެދުވަހަކު އޮފީހަށްނެރެގެން މަސައްކަތްކުރުވުމަކީ ރަނގަޅުގޮތެއްނޫން. އެޗްޕީއޭގެ އެންގުމަށް ވެރިން އިޙްތިރާމްކޮށް މުވައްޒަފުންގެ ސަލާމަތަށްވިސްނަވާ.

– މޫސަ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވަނީ އަންގަވާފައެވެ.

ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުންވެސް މިދުވަސް ވަރު މުވައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަޖިލިސް
މަޖިލިސް އެކަންޏެއްނޫން. ޓުރާންސްޕޯޓް އާއި ޑީއެންއާރުވެސް މުއައްޒަފުން ނެރެގެން މަސައްކަތް ކުރަނީ.
A Adindaa19
ބޭރުން ބަންދު އެތެރޭން އޯޕަން.