ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ޤައުމީ ފުޓްބޯޅަ ޓީމު މާދަމާ ދުބާއީއަށް ފުރަން ތައްޔާރުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ޓީމު މިހާރު ތިބީ މާލޭގެ ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެންނެވެ. އަދި މާލޭގައި ކޯވިޑް-19 ގެ ހާލަތު އޮތް ގޮތުން ދަނޑަށް ގޮސް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު އެޗްޕީއޭ އިން ދީފައެއް ނުވެއެވެ. އެހެންކަމުން މިހާރު ޤައުމީ ޓީމު ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ޖެންގެ ބޯލް-ރޫމްގައެވެ.
ޗައިނާއަށް ދިއުމުގެ ކުރިން މާދަމާ ހެނދުނު ދުބާއިއަށް ދިއުމަށް ގައުމީ ޓީމު ފުރަން ތައްޔާރުވެފައިވާއިރު، ސްކޮޑުގެ ދެ ކުޅުންތެރިއަކަށް ވިސާ ލިބުމުގެ ކަންތައްތައް އެއްކޮށް ފުރިހަމަވެފައި ނުވާތީ އެ ކުޅުންތެރިން ޓީމާ އެކު ނުފުރާނެއެވެ. އެ ކުޅުންތެރިން ޓީމާ ގުޅޭނީ ފަހުންނެވެ. ޓީމުގެ ތިބި 25 ކުޅުންތެރިންގެ ތެރެއިން ވިސާ ހަމަޖެހުނީ 23 ކުޅުންތެރިއަކަށެވެ.
ކޮލިފައިން މެޗުތަކުގެ ކުރިން ޤައުމީ ޓީމަށް ދުބާއީގައި ފަރިތަކުރަން ލިބޭނީ ގާތް ގަނޑަކަށް 5 ދުވަހުއެވެ. އެއަށްފަހު ދުބާއި މަގުން ޗައިނާއަށް ޤައުމީ ޓީމު ފުރާނެއެވެ. ގައުމީ ޓީމަށް ދުބާއީގައި ތަމްރީން ހެދުމަށް ފުރުޞަތު މި ލިބުނީ ވަރަށް މަސައްކަތުންނެވެ. އެގޮތުން މި މަސައްކަތަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒްވެސް މިވަގުތު ހުންނެވީ ދުބާއީގައެވެ.
ކޮލިފައިންގައި ގައުމީ ޓީމަށް ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާ މެޗެވެ.
އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ކޮމެންޓު ފޮނުވާ