އިންޑިއާގެ އުތުރުގެ ސްޓޭޓޭއް ކަމުގައިވާ އުއްތަރު ޕްރަދޭޝްގައި، ފަލަސްދީނުގެ ރައްޔިތުނަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން، ގެތަކުގައާއި އަދި ދުއްވާ އުޅަދުތަކުގައި ފަލަސްތީނުގެ ދިދަ ނެގުމަށް ސޯޝަލް މީޑިއާގައި އަޑުއުފުލި އިންޑިއާގެ މުސްލިމް ދަރިކޮޅުގެ މީހަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
އަޒަމްގާރު ޑިސްޓްރިކްޓުގެ ފުލުހުންގެ ސީނިއަރ ސުޕްރިންޓެންޑެންޓް ސުދިރު ކުމާރު ސިންގ އަލްޖަޒީރާ ނޫހަށް ބުނެފައިވާ ގޮތުގައި، ޔާސިރު އަޚުތަރު ނަމަކަށް ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ ދިރިއުޅެމުންދާ ސަރައިމީރު ވިލެޖުގައި، ހުކުރު ނަމާދަށްފަހު ފަލަސްތީނަށް ތާއީދު ކުރުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ބޭނުން ކުރުމަށް ގޮވާލާ އޭނާގެ ފޭސްބުކް ޕޭޖުގައި މެސެޖުތައް ލިޔުމާއި ގުޅިގެންނެވެ.
"އޭނާ ގެންދަނީ ފޭސްބުކް ޕޭޖެއް ހިންގަމުން، އަދި ޕޭޖުގައި އޭނާވަނީ ހުކުރު ނަމާދަށްފަހު، ދުއްވާތަކެތީގައާއި މީސްމީހުގެ ގެތަކުގައި ފަލަސްތީނުގެ ދިޔަ ނެގުމަށް ގޮވާލާ މެސެޖުތައް އާންމުކުރަމުން،" ސިން ބުނެގފައި ވެއެވެ. "އޭނާ ވަނީ ހައްޔަރުކޮށް މިހާރު ޖަލަސް ލެވިފައި،" ސިންގ އިތުރަށް ބުނެފައި ވެއެވެ.
"މިއީ މީހުން ގިނަކަމުން ތޮއްޖެހިފައިވާ ސަރަހައްދެއް، އަދި މި ސަރަހައްދުގައި މުސްލިމުންގެ އެތައް ޖަމާއަތެއް އެބަ އުޅޭ. ނަމާދަށްފަހު މީހުން އެއްތަނަކަށް އެއްވާން ގޮވާލާނަމަ މިތާގައި ހަމަނުޖެހުން އުފެދިގެން ހިގައިދާނެ. އޭނާ ދިދައެއް ނަގަންވީ، އެހެންނަމަވެސް އެހެން މީހުން އެކަން ކުރަން އޭނާ ގޮވާލާނަމަ، އެއީ އެންމެ ރަގަޅު ގޮތެއް ނޫން. އެކަމާ ދެކޮޅު ހަދާ އެތައް ބަޔަކު އެބަތިބި. އެހެންވީމަ އަހަރެމެންނަށް ފިޔަވަޅު އަޅަން މަޖުބޫރުވާނެ،" ސިންގ ބުނެފައިވެއެވެ.
އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި، ފަލަސްތީނަށް ކާމިޔާބު ލިބުމަށް އެދި ނަމާދު ކުރި، ކަޝްމީރުގެ މަޝްހޫރު ދީނީ އިލްމުވެރިއަކާއި، ފަލަސްތީނަށް ތާއީދުކޮށް ގްރެފިޓި މެސެޖްތައް ކުރަހަމުންދިޔަ އާޓިސްޓަކު ހިމެނޭގޮތުން 20 މީހަކުވެސް މީގެ ކުރިން އިންޑިއާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ މައި އެއް ސިޓީ ކަމުގައިވާ، ސްރީނަގަރުގައި ދިރިއެޅެމުންދާ، އުމުރުން 32 އަހަރުގެ އާރޓިސްޓެއް ކަމަށްވާ މުދަސިރު ގުލްގެ އާއިލާއިން ބުނެފައިވަނީ، އިންޑިއާ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާއަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ އޭނާގެ ކުރެހުންތައް ސެންސަރު ކުރުމުގެ މަގުސަދުގައި ކަމަށެވެ.
My friend, the brilliant Kashmir artist Mudasir Gul has been charged under PSA (Public Safety Act) by Indian govt for drawing art work in support of Palestine.#freemudasirgul#freedomofspeech#indiahttps://t.co/mkx9YhkUy7 pic.twitter.com/jlqiSN2R2D
— Mir Suhail (@mirsuhail) May 15, 2021
އިސްރާއީލުން މެދުނުކެޑި ފަލަސްތީނުގެ ގާޒާއަށް ދެމުންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 240 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 65 ކުޑަކުދިންވެސް ހިމެނެއެވެ. އަދި ހަމާސް ޖަމާއަތުން ދީފައިވާ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރުވެފައެވެ. މީގެތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދިޔަ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަލަސްތީނަށް ތާއީދުކޮށް އެތައް ބަޔަކު އަޑު އުފުލާފައެވެ. އަދި ހުކުރު ދުވަހުގެ ހުދުނު، އެއްވެސް ޝަރުތަކާ ނުލާ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިސްރާއީލުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމާފައިވަނީ މިސްރު މެދުވެރިވެގެން އެއްބަސްވެވުނު ސުލްހައިގެ އެއްބަސްވުމަކަށް ފަހުއެވެ.
ކޮމެންޓު ފޮނުވާ