އިސްރާއީލުން މިހާރު ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ގާޒާއަށް ލިބިފައިވާ އުމްރާނީ ގެއްލުމުގެ މިންވަރު 322 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.
މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ އުދުވާންގައި، ގާޒާގައި ހުރި، މީހުން ދިރިއުޅޭ ޓަވަރުތަކާއި ގެތަކުގެ ތެރެއިން، މަދުވެގެން 184 ޓަވަރާއި ގެ ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި މީގެ އިތުރުން 33 މީޑިއާ ސެންޓަރެއްވަނީ މުޅިންހެން ފުޑުފުޑު ކޮށްލާފައެވެ. މި ތަންތަނުގެ ގެއްލުމުގެ މިންވަރުވެސް 92 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވާނެކަމަށްވެސް ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން، ގާޒާގެ 1،335 ހައުސިންގ ޔުނިޓެއް ވަރަށް ބޮޑަށް ނުވަތަ މުޅިންހެން ކަހަލަ ގޮތަކަށް ހަލާކު ކޮށްލާފައިވާއިރު، އިތުރު 13،000 ހައުސިން ޔުނިޓަކަށް ވަނީ، އެކަށީގެންވާ ވަރުގެ ގެއްލުންތައް ލިބިފައެވެ.
މިމަހުގެ 10ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ