ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރެރިސްޓް ހަމަލާގެ މައުލޫމާތުލިބި، ދުރާލައި އެއްވެސް ފިޔަވަޅެއް ނޭޅި އޮއްވައި އެވަރުގެ ހަމަލާއެއް ދެވުމަކީ ދިފާއީ ބާރުތަކުގެ ވެރިން ފެއިލްވެފައިވާކަން ހާމަވާ އަންގައިދޭ ހެއްކެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުުތުރު ދައިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ހަމަލާއާއި ގުޅިގެން ލިބިފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކާއިއެކު މުހައްމަދު ރަޝީދު ކުރެއްވި ޓްވީޓުގައިވަނީ ރައީސް ނަޝީދަށް ހިތްވަރު ދެއްވައި، އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިވަރުގެ އަނިޔާއެއް ރައީސް ނަޝީދަށް ލިބިފައިވަނީ މިކަން ކުރަން ބަޔަކު އުޅޭކަން ދުރާލައި އެގި އެކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކުގެ ވެރިނަންނަށް ދިނުމުންވެސް އެކަމަށް އަޅާނުލުމުންކަން އެގޭކަމަށެވެ. މިކަމުން އެބޭފުޅުން ފެއިލްވެފައިވާ މިންވަރު ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ބަޔަކު ހަމަލާދޭން އުޅުނުކަމުގެ މައުލޫމާތު ލިބި އޮވެމެ، މިކަން ހިނގާ ދިއުމަކީ، ދިފާއީ ބާރުތަކުގެ ވެރިން ފެއިލް ވެފައިވާކަން އަންގައިދޭ ހެއްކެތް. ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲގެ ހަޒުރަތުގައި ދުޢާ ދަންނަވަން. ގަދަކޮށް އެނބުރި ވަޑައި ގަންނަވާތި ރައީސް.
– މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ވެސް ހިމެނި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މިހަމަލާގެ މައުލޫމާތު އޭނާއަށް އާންމު މީހެއްގެ ފަރާތުން ލިބުމާއިއެކު ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި ހިއްސާ ކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން އިލްޔާސް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، ވަގުތުން ނަޝީދަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު މާރިޔާއަށް ގުޅުއްވައި، ތަފުސީލު ދެއްވީ ނަޝީދުގެ އިރުޝާދާ އެކު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ ފުލުހުންނަށް އެކަން ރިޕޯޓް ނުކުރައްވާ ކަމަށެވެ.
ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމަށް ފަހު، ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް ބުންޏަސް ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ކޮމެންޓު ފޮނުވާ