މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ ފަދަ ހަމަލާތައް ތަކުރާރު ނުވާނޭގޮތަށް ރާއްޖޭގައި ހަރުދަނާ ފިޔަވަޅު އަޅަންޖެހޭކަމަށް އައްޑޫ ސިޓީ ކައުންސިލުގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ލިބިފައިވާ އަނިޔާތައް ދައްކުވާދޭ ފޮޓޯތައް އާންމު ކުރުމުން، އަނިޔާތަކާއިމެދު އިންތިހާއަށް ކަންބޮޑުވެ ހަމަލާ ކުށްވެރި ކުރައްވައި އަލީ ނިޒާރު ވިދާޅުވީ މިއީ ރާއްޖެފަދަ މުޖުތަމައުއެއްގައި ދެވިގެންވާނެފަދަ ހަމަލާއެއް ނޫންކަމަށެވެ. ރައީސް ނަޝީދަށް އަމާޒުވިފަދަ ނުރައްކާތެރި ހަމަލާތަކުން މުޅި މުޖުތަމައު ރައްކާތެރިކުރުމަށް މިހާރުން ފެށިގެން ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިީފައިވާފަދަ އަނިޔާ ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅު އަޅަންޖެހޭ. މިއީ ބަލަން ކުޅަދާނަ ނުވާފަދަ އަނިޔާވެރި މަންޒަރެއް. ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދެން.
– އަލީ ނިޒާރު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާތަކަށްފަހު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ އެލާޓްލެވެލް އެންމެ މައްޗަށް ޖައްސައި ހަތިޔާރާއިއެކު މުޅި ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ސަލާމާތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކުގައި އިއްޔެ އައްޑޫ ސިޓީންވެސް ވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ހަރުކަށި ފިކުރައް ތާއީދު ކުރާ މީހުންނާއި، އެމީހުންގެ ރޭވުންތަކުން މުޖުތަމައު ސަލާމާތް ކުރުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކަށް ރައީސް ޞާލިހުވަނީ އަމުރު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ