ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ފަށައިފި

ހަމަލާއާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓްގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 08:27
0

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިހަމަލާއާއި ގުޅިގެން ސަލާމާތީ ބާރުތަކުން ބުނެފައިވަނީ ދުރާލާއި މިހަމަލާގެ އިންޒާރު ކަމާއިބެހޭ ފަރާތްތަކަށް ލިބިފައި ނުވާކަމަށެވެ. އަދި އިނޓަރލިޖެންސަށްވެސް ހަމަލާގެ އެއްވެސް މައުލޫމާތެއްލިބިފައި ނުވާކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓެލިޖެންސްގެ އޮޑިޓް ހަދަނީ ރައީސް އޮފީހާއި އެޓާނީ ޖެނަރަލް އޮފީސް ގުޅިގެން އުފައްދާފައިވާ ޓީމަކުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިޓެލިޖެންސްގެ މަސައްކަތް ހުރި ގޮތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޓީމްގެ ހޯދުންތައް ރައީސް އާ ހިއްސާ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ މީގެ ކުރިން ވިޑާޅުވެފައެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ.

އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަންނަވާފައެވެ. އަދި 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ މިޙަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ކާމިޔާބު އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު އެމަނިކުފަނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.