އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑާއިއެކު ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރާގައި މިސަރުކާރުން އެޅި ފުރަތަމަ އެއާޕޯޓް ހޯރަފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. އެއާޕޯޓަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަލަދުވެރި ފަރާތް ރީޖަނަލް އެއާޕޯޓްސްއިން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު އޮތް އެންމެބޮޑު ގޮންޖެހުމަކީ އެއާޕޯޓް އިންސުއަރެންސް ކޮށްފައި ނުތުމެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެއާޕޯޓު އޮތީ ފެނު އަޑީގައެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ކުންފުންޏާ ހަވާލުވެވަވަޑައިގެންނެވިއިރު ވެސް ހޯރަފުށީ އެއާޕޯޓު އޮތީ އިންޝުއާ ނުކޮށް ކަމަށެވެ. އެކަމަކު، މިހާރު އެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒްވީ ވިދާޅުވިގޮތުގައި އެއާޕޯޓު އިންޝުއާ ނުކޮށް އޮތުމުގެ ސަބަބުން ލިބޭ ގެއްލުން އިތުރުވާނެ އެވެ.

އެއާރޕޯޓަށް ލިބިފައިވާ ގެއްލުން އެމްޓީސީސީގެ ޓީމަކާއިއެކު ފަށާފައިވާއިރު، އެއާޕޯޓަށް ރާޅުއަރައި ފެނުއަޑީގައި އޮތުމުންނާއި، އަދި ގަދަވަޔާއިއެކު އެއާޕޯޓުގެ އެކި އިމާރާތަތްކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ދަތުރުތައްވެސް ވަނީ މެދު ކަނޑާލާފައެވެ.
ރާޅާއި އުދަބާނީ އަރައި ހޯރަފުށީ އެއާޕޯޓް ދޮވެލިއިރު، މި ވިއްސާރާގައި އެ އެއާޕޯޓުގެ ޓާމިނަލްގެ ބިއްލޫރި ބިއްގަނޑެއް ވެސް ވެއްޓިފައިވެ އެވެ. ރިޒްވީ ވިދާޅުވީ ޕެސެންޖަރު ޓާމިނަލް އިން ބައެއް ވެއްޓިފައި ވަނީ ޑިޒައިން ފޯލްޓެއްގެ ސަބަބުން ކަމަށެވެ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އެއާޕޯޓް ތަރައްގީ ކުރަން ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ހޯރަފުށީ އެއާޕޯޓް އިންޝުއަރެންސް ނުކޮށް އިތުމުން މަރާމާތަށް ބޮޑު ޚަރަދެއް ހިނގާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. ހޯރަފުއްޓާއި އެ ރަށުގެ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެހެން ދިމާވީ، އެއާޕޯޓް އަޅަން ބިން ހިއްކި ގޮތުން ކަމަށް ވެދާނެ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފައެވެ.
އެއާޕޯޓަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބައެއް ބޭފުޅުން ވިދާޅުވަމުންދަނީ މިއީ އިންތިޚާބާއި ދިމާކޮށް، ބަލަންޖެހޭ ވަރަށް ނުބަލައި އެއާޕޯޓް އެޅުމުން ދިމާވި މައްސަލަތަކެއް ކަމަށެވެ. އަދި މިކަމުގައި ހަދަންޖެހޭ ދިރާސާތައް ރަނގަޅަށް ހަދައި ބަލަންޖެހޭ ކަންކަން ބެލިފައިނުވާކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ފާޅު ކުރަމުންދާ ޝުއޫރުތަކުގައި ބުނެފައިވެއެވެ.
198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހއ.ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށްފައިވާއިރު މި އެއަރޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް އޮވެއެވެ. 8635 ސްކުއަރ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9473 ސްކުއަރ މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ސްކުއަރ މީޓަރުގެ ފަޔާ އެކްސެސް މަގެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.
ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއަރޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. 25 މާރޗް 2019 ގައި އެމްޓީސީސީއާއެކު އެއަރޕޯޓް ތަރައްޤީކުރުމަށް ސޮއިކުރުމަށްފަހު އޭގެ 24 ދުވަސް ފަހުން ވަނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ.
2019 ވަނަ އަހަރު އޭޕްރީލްމަހުގެ 18 ވަނަ ދުވަހު ހޯރަފުށީ ފަޅުން 16ހެކްޓަރުގެ ބިން ހިއްކައިގެން އެރަށުގައި އެއަރޕޯޓް ތަރައްޤީކުރަން ފެށި މަޝްރޫޢަކީ ހއ.އަތޮޅުގެ އުތުރުގެ ރަށްތަަކަށް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ޙައްލު ހޯދުމަށް ފެށި އުންމީދީ މަޝްރޫޢެކެވެ. ހއ. ހޯރަފުށީގައި މި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލާފައި މިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިތާ 576 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ތެރޭގައެވެ. މިއާއެކު މި އެއަރޕޯޓަކީ ި ބިން ހިއްކައިގެން އެންމެ އަވަހަށް މަސައްކަތް ނިންމާލި އެއަރޕޯޓެވެ.
ކޮމެންޓު ފޮނުވާ