އެމްޑީޕީ ބައިބައިކުރަން އުޅޭމީހުން ކޮންމެފަހަރަކު ދަނީ މުޖުތަމައުން ބާކީވެގެން: ސިފާ

އެމްޑީޕީ ބައިބައިކުރަން އުޅޭމީހުން ކޮންމެފަހަރަކު ދަނީ މުޖުތަމައުން ބާކީވެގެން: ސިފާ

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 03:04
0

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ބައިބައި ކޮށްލުމަށް އެކި ހާލަތްތަކުގައި އެކި މީހުން މަސައްކަތް ކޮށްފައިވާކަމަށާއި، ނަމަވެސް އެއިން ކޮންމެ ފަހަރަކު އެމަސައްކަތްކުރާ ބަޔަކު މުޖުތަމައުން ބާކީވެގެންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހުގައިވެސް އަދި އޭގެ ކުރިންވެސް އެމްޑީޕީގެ ތެރޭގައި ބައިބައިވުން ބޮޑުކަމަށްބުނެ އެޕާޓީގެ މެމްބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ. ޚާއްސަކޮށް ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން ޕާޓީގެ އެތެރެއަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް އެޕާޓީގެ އާންމު މެމްބަރުން ދިޔައީ ބުނަމުންނެވެ.

ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާއި ގުޅިގެން މީޙަކު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ޝިފާ ވިދާޅުވީ އެމްޑީޕީބައިބައި ކޮށްލުމަށް އަބަދުވެސް މަސައްކަތް ކުރާ ބަޔަކު ތިބީކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މުޖުތަމައުން ބާކީވެ، އެކަހެރި ވެގެންދަނީ މިމަސައްކަތް ކުރާ ބަޔަކު ކަމަށާއި، ކުރަން އުޅޭކަމެއް މިހާތަނަށް ކާމިޔާބު ވެފައި ނުވާކަމަށެވެ.

އެމްޑީޕީތެރެ ބައިބައިކޮށް ފޮތިކުރަން ކިތަންމެ ބަޔަކު ކިތަންމެ ފަހަރަކު ދިމާކޮށްފި. ކޮންމެ ފަހަރަކުވެސް މިފަދަ އަމަލުތައް ހިންގާ ފަރާތް މިދަނީ އަމިއްލަޔަށް މުޖުތަމައިން ބާކީވެގެން. މާ މޮޅު އެހެން ބަޔަކު ތިބި ނަމަ މަގުމަތިވި ދުވަހު ފެނުނީސް.

– ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ދައުރު މިމަހުގެ 17 ވަނަ ދުވަހު ހަމަވާއިރު، ސިފާވަނީ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލައްވާފައެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި ފަހު ބަސް ބުނާ ތަނެވެ. ވަކި ގޮތަކަށް ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ގޮތަކަށް ޕާޓީން އަމަލުކުރަން ޖެހޭނެ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ ބާރުވެރިކަން، އެ ޕާޓީގެ ކޮންމެ ލީޑަރަކަށް ވެސް މުހިންމެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށެވެ. އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިހާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.