ރައީސް ނަޝީދަށް ދެވިފައިވާ ޓެރަރިސްޓު ހަމަލާގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް އަމަލު ކުރެވިފައިވާގޮތުން ސިފައިންގެއާއިމެދު ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައިވެސް މިނިސްޓަރ މާރިޔާ މަޤާމުން އިސްތިއުފާ ދެއްވަންޖެހޭކަމަށް ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ދުރާލައި މަޖިލިސް މެމްބަރަކު ދެއްވާފައި ވަނިކޮށް އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅި ހުއްޓައި އެވަރުގެ ހަމަލާއެއް ދިނުމާއި ގުޅިގެން ގިނަ ބަޔަކު މިނިސްޓަރ މާރިޔާގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އިހުސާން ވިދާޅުވީ މުޖުތަމައުގައި އާންމު ރައްޔިތުންގެ ޑިފެނެސް މިނިސްޓަރގެ އިސްތިއުފާއަށް ގޮވާ ހަދާ ހިސާބަށް ދިއުމުގެ ކުރިން އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވަންޖެހޭކަމަށެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ކްރެޑިބިލިޓީ ދެމެހެއްޓުމަށް ޓަކައި، މިނިސްޓަރގެ މަޤާމުން މާރިޔާ ދީދީ އިސްތިއުފާ ދިނުމަށް ގޮވާލަން ޖެހުމަކީ މިޤައުމުގައި ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްވުމަށް ކައިރިވެސް ނުވާކަމުގެ ހެއްކެއް.
– ކެޕްޓަން އިހުސާން ވިދާޅުވިއެވެ.
މިފަދަ ހާލަތެއްގައި އާންމު އިސްތިއުފާއަށް ގޮވަމުންދާ ސަބަބާއިގުޅޭ ގޮތުން އިހުސާން ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާއެއްގެ މައުލޫމާތު މަޖިލިސް މެމްބަރަކު ސީދާ މިނިސްޓަރ އަށް ދެއްވާފައި ވަނިކޮށް، އެކަން ހިނގުމަކީ ދެރަކަމެއްކަމަށެވެ. އަދި މިހާދިސާއަށްފަހު މިނިސްޓަރ ނޫސްވެރިންނަށް ދޮގު މައުލޫމާތު ދެއްވުމަކީވެސް މިކަމުގައި އާންމުންގެ ހިތް ނުތަނަވަސްކަން އިތުރުވި ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ.
އަމިއްލަފުޅަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެއީ މަޖިލީހުގެ މެމްބަރަކު ސީދާ މައުލޫމާތެއް ދެއްވާފައި ވަނިކޮށް އެފަދަ ހާދިސާއެއް ހިނގައި އަދި އެފަހުން އެމައުލޫމާތާއި ގުޅިގެން މީޑިޔާއަށް މިނިސްޓަރ ދޮގު މައުލޫމާތު ދެއްވުމުން.
– ކެޕްޓަން އިހުސާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދީފައިވާއިރު، ޢާންމުނަށްވެސް އެކަމުގެ އެެއްވެސް ހިލަމެއް ނުވަނީތޯ ޕްރެސްކޮންފަރެންސެއްގައި ވިދާޅުވެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ