މޫސުމީ ގެއްލުމުގެ އެހީ އަވަސްކުުރުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި

މޫސުމީ ގެއްލުމުގެ އެހީ އަވަސްކުުރުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 01:14
0

ރާއްޖޭގެ ގިނަ ރަށްރަށަށް އުދައަރާ ރައްޔިތުންގެ ގޯތި ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވީހާވެސް އަވަހަށް ފޯރުކޮށް ދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގޯތިގެދޮރަށާއި ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއްދަނީ ލިބެމުން ކަމަށެވެ. މިކަމުގެ ސަބަބުން އެރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ދަތި ޙާލަތުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަމްދަރްދީ ފާޅުކުރާ ކަމަށެވެ.

މޫސުންގޯސްވެ ގިނަރަށްރަށަށް އުދައަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ހުރިހާ ރައްޔިތުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ތިއްބެވުމަ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭ ކަމަށާއި، ހަމައެއާއެކު، މި ވިއްސާރައިގެ ސަބަބުން ގޯތިގެދޮރުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ކޯވިޑް19ގެ ޙާލަތުގައި ވަނިކޮށް ގިނަ ރަށްރަށަށް އަރާފޭބުން މަނާކުރެވި، އަދި ބައެއް ރަށްރަށް މޮނިޓަރިންގެ ޙާލަތުގައި ވާއިރު، ވިއްސާރަވެ ފެންބޮޑުވުމާގުޅިގެން މިވަނީ އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި، އެހެންކަމުން، ރައްޔިތުންނަށް ދިމާވާ ދަތިތައް ގާތުން ބެލޭނެ ނިޒާމެއް ޤާއިމްކޮށް، ހަރުދަނާ އަދި އަވަސް ގޮތެއްގައި ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްޅުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.