ހަމަލައިގެ މައުލޫމާތު އެގިހުރެ ފުލުހުންނަށް ރިޕޯޓްކުރުމަކީ އިލްޔާސްގެވެސް ޒިންމާއެއް: ޝުޖާ

ހަމަލައިގެ މައުލޫމާތު އެގިހުރެ ފުލުހުންނަށް ރިޕޯޓްކުރުމަކީ އިލްޔާސްގެވެސް ޒިންމާއެއް: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 11:04
0

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު އެގިހުރެ އެކަން ޑިފެންސް މިނިސްޓަރަށް ދެންނެވުމުން ނުފެދޭކަމަށާއި، އެކަން ފުލުހުންނަށް އެންގުމަކީވެސް އިލްޔާސްގެ ޒިންމާއެއްކަމަށް ހުޅުމާލޭގެ ފުރަތަމަ އިންތިޚާބީ ކައުންސިލަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޝުޖާ މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު، އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާއާއި ހިއްސާ ކުރުމުން، އެމައުލުމާތު ފުލުހުންނަށާއި، ސީޕީއަށް ދެއްވުމަށް ވިދާޅުފައި ނުވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝުޖާ ވިދާޅުވީ މިފަދަ މައުލޫމާތެއް މަޖިލިސް މެމްބަރަށް ލިބިވަޑައި ގަންނަވާ ހިސާބުން އެމައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އެއީ ވަކި ވަޒީރަކު ނުވަތަވަކި މީހަކު ހުއްދަ ލިބިގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، އެގި ހުރި މިންވަރަކުން މައުލޫމާތު ފުލުހުންނާއި ހިއްސާކުރެއްވުމަކީ އިލްޔާގެވެސް ޒިންމާއެއްކަމަށެވެ.

ބަލަ އިލްޔާސް. ތިޔައީ ޒިންމާދާރު މަޤާމެއްގަ ހުރި މީހެކޭ. އިލްޔާސަށް އެގެންވާނުން ތިކަން ޕޮލިހަށް ރިޕޯޓު ކުރަން ވާނެކަން. މާރިޔާ ބުންޏަސް ނުބުންޏަސް. އެކަން ކުރަންވާނެ ކަން އިލްޔާސަށް ނޭގުމަކީ ސުވާލު އުފެދޭ ކަމެއް!؟

– ޝުޖާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރިކަމަށެވެ. އަދި، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް އަރުވަނީކަމަށް ދަންވައި، ލިބިފައިހުރި މަޢުލޫމާތުގެ ތަފްޞީލް މިނިސްޓަރަށް އެރުވާފައިވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ހަމަލާދިން މައްސައްލައިގެ ތަޙްޤީޤަށް ދޭންޖެހޭ މަޢުލޫމާތާއި މިހާރުވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ތަޙްޤީޤުކުރަމުން ދަނިކޮން، މިމައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މަޢުލޫމާތު، ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެމަޢުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއްކަމުގައި ޤަބޫލުނުކުރެވޭކަމަށްވެސް އިލްޔާސް ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ ކަންކަން ފުލުހުންނަށް އެންގުމަށް މިނިސްޓަރ ވަނީ އިލްޔާސްއަށް ދަންނަވާފައެވެ. މިއާއެކު މެންބަރުވެސް ވަނީ މިނިސްޓަރ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.