ހަސަން ވިދާޅުވަނީ ލިސްޓުގައިތިބި އެމްޑީޕީ މެމްބަރުންނާއިމެދު ފިޔަވަޅު އަޅަން އަދި ނިންމާފައިނުވާކަމަށް

ހަސަން ވިދާޅުވަނީ ލިސްޓުގައިތިބި އެމްޑީޕީ މެމްބަރުންނާއިމެދު ފިޔަވަޅު އަޅަން އަދި ނިންމާފައިނުވާކަމަށް

Author
މުޙައްމަދު ޝަޒައިމް
15 މެއި 2021 09:20
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށްބުނެ މަޖިލީހުން އާންމުކުރި އެސެޓްރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ހިމެނޭ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއިމެދު އެއްވެސް ފިޔަވަޅެއް އަޅަން އަދި ނިންމާފައި ނުވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މަޖިލީހުން އާންމުކުރި ލިސްޓުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިމެނޭހެން އިތުރު މެމްބަރުންތަކެއްވެސް ހިމެނެއެވެ. އެޕާޓީން މީގެ ކުރިން ބުނެފައިވަނީ މި ރިޕޯޓް މަޖިލިސް ތަޅުމުން ފާސްކުރުމާއިއެކު އެޕާޓީގެ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންނާއިމެދު ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ ލިސްޓަކީ މަޖިލީހުން އާންމުކުރި ކަމުގައި ވީނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ދެއްވި ލިސްޓަކަށްވާއިރު، ލިސްޓުގައި ނަން އޮތް މެމްބަރުންނާއިމެދު އަދި ޕާޓީން އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައި ނުވާކަމަށެވެ. އަދި މިހާރު މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ބޮޑު ޚިޔާނާތުގެ މި މައްސަލާގައި މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ މަތީ މަޤާމުތަކުން ފެށިގެން އެންމެ އާދައިގެ މަޤާމްތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވަޒީރުންނާއި، މަޖިލިސް މެމްބަރުން، ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންވެސް ހިމެނެއެވެ. އަދި ބައެއް ބޭފުޅުންނަކީ މިހާރުވެސް ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވި ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.

އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޅ ޅާލު
ތީ ލިސްޓުން ނައްސި ކޮއްފަވާ މީހެއް