ޕީޕީއެމްއިން ސިޔާސީ ހަރަކާތް ހިންގަނީ ދައުލަތުންދޭ ފައިސާއާއި، ދީލަތި ފަރާތްތަކުންދޭ ފައިސާތަކުން ކަމަށާއި، ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަމެއް ނޭގޭ ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އޭރުގެ ވެރިކަންކުރި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި، ބައެއް އިސްބޭފުޅުންގެ ނަންތައް ހިމަނަފައި، އެބޭފުޅުންގެ ކެމްޕެއިނަށް ފައިސާ ދިންކަމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށެވެ.
އެގޮތުން އެޕާޓީއަށްވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާކަމަށެވެ. އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ޚަރަދު ކޮށްފައި ކަމަށާއި، ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށެވެ.
އަދި އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީ.ޕީ.އެމް. ގެ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބް އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވޭ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާ ކަން ފާހަގަ ކުރަން.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް ޢާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅުން ވަނީ ފާޅުކޮށްފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ޙިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ނުފުއްދޭނެ ކަން ޔަޤީން ވުމާއެކު، އެ ޚިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ޙިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
އެހެންކަމުން، އެހާމެ ޒިންމާދާރުކަން ކުޑަކޮށް މައުސޫމް އެތައް ރައްޔިތެއްގެ އަބުރު ކަތިލުމަށް ސިޔާސީ ލިސްޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާއި ޙިއްސާ ކުރި ކުރުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައިވާ ޖަރީމާއާއި، އަދި އެހާމެ ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ޙައްޤަށް އަރައިގަނެ އެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ޢާންމުކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް އެގޮތުގައި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލަން.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
އިދިކޮޅުން ބުނެފައިވަނީ އެކަމުގައި ޝާމިލުވެފައިވާ އެންމެނަށް ހައްޤު އަދަބު ދިނުމަށާއި، ހަމައެއާއެކު، ލިސްޓު ޢާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ