ޚިޔާނާތުގެ ބޮޑުން ލިސްޓުން އުނިކޮށް، އެތައްބައެއްގެ ހައްގަށްވަނީ އަރައިގަނެފައި: އިދިކޮޅު

ޚިޔާނާތުގެ ބޮޑުން ލިސްޓުން އުނިކޮށް، އެތައްބައެއްގެ ހައްގަށްވަނީ އަރައިގަނެފައި: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 07:19
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ބޮޑުންގެ ނަންތައް ލިސްޓުން އުނިކޮށް، އާންމުކޮށްފައިވާ ލިސްޓަކީ އެތައްބައެއްގެ އަބުރަށް އަރައިގަނެ އާންމުކޮށްފައިވާ ލިސްޓެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެސެޓްރިކަވަރީ ކޮމިޝަނުން މަޖިލީހަށް ދިން ލިސްޓު މަޖިލީހުން އާންމު ކުރުމާއި ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މައްސަލައަކީ 2015 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަޙްޤީޤު ކުރަން ފަށާފައިވާ މައްސަލައެއްކަމަށެވެ. އަދި އެމައްސަލަ ތަޙްޤީޤު ފަށްޓަވާ އެކަމުގައި ޝާމިލްވާ ބައެއް ފަރާތްތަކުގެ ޝަރީޢަތް ކުރެވި ޙުކުމް ކުރެވިފައިވަނިކޮށް އެމްޑީޕީ ވެރިކަމާއި ޙަވާލުވެ، އެންމެ ފުރަތަމަ ކުރި ކަންތައް ތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ ޙިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާއި އެކު ޑީލް ހަދާ އެމީހުންގެ އަދަބަށް ލުއި ހޯދާދިނުމުގެ އިތުރުން، އެމައްސަލައިގެ ތުހުމަތުގައި ހޯދަން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނަންތައް ވަނީ އުނިކޮށްފައި ކަމަށެވެ.

ހަމައެއާއެކު މިސަރުކާރު ވެރިކަމަށް އައިސް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޭގައި އޮވެގެން ކަމަށް އެއް އިރަކުވެސް ޤަބޫލެއް ނުކުރެވޭ. އެއީ އެ ކޮމިޝަންގެ ރައީސް އަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށް ވުމުން. އަދި އެ ކޮމިޝަން އުފައްދައިގެން 2 އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުން ދޭހަވަނީ އެ ކޮމިޝަނާއި ޙަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއް. އޭގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް. އިދިކޮޅު ބަޔާނުގައި ވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތަށް 2 އަހަރާއި ބައި ވެގެން ދިޔަ އިރު އެކޮމިޝަނަށް ތައްޔާރު ކުރެވިފައިވާ ހަމައެކަނި ލިސްޓުގައިވާ ނަންތަކާ މެދުވެސް ސުވާލު އުފެދި އަދި ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ޙިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަޤްޞަދު ވަރަށް ބޮޑަ ހާމަވެގެން ދާކަމަށް އިދިކޮޅުން ބުނެއެވެ.

އަދި އެއީ ޒިންމާދާރު މަސައްކަތެއް ކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫން ކަމަށާއި، ހަމައެއާއެކު އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގައި 280 ފަރާތަށް ވުރެ ގިނަ ފަރާތެއްގެ ނަންތައް ހިމެނިފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް، މި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް އިނގިރޭސި ވިލާތުގައި ބައިތިއްބައިގެން، އެމީހުންނަކީ ސިޔާސީ ގޮތުން ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވުމުންވެސް މި މައްސަލަ ތަޙުޤީޤުކޮށް އެ ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަން ހާމަވެގެން ދާކަމެއްކަމަށްވެސް އިދިކޮޅު ބަޔާނުގައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.