މޫސުން އިތުރަށް ގޯސްވާނެތީ، އުތުރުގެ އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވާނެތީ، އުތުރުގެ އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 03:30
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން އިތުރަށް ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އުތުރުގެ ބައެއް އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށެވެ. މި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ، އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މެޓް އޮފީހުން ވިދާޅުވީ މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެ އާއި ދުރަށްކަމަށާއި، އެ ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދެމުންދާކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ޞަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އުތުރާއި މދުރާއްޖެތެރޭގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މިގޮތުން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެވޭނެކަމަށާއި ދެކުނު އަތޮޅުތަކަށް ވިލާގަނޑުގައި 50 މޭލަށްވުރެ ބާރަށް ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ 4 ފުޓާއި 8 ފޫޓާއި ދެމެދުގައެވެ. އެހެންކަމުން ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުން އެކަށިގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.