ނަޝީދަށް ދިން ހަމަލާއަކީ މުޅި ދައުލަތަށާއި، އިސްލާމީ ވަތަނަށް ދިން ހަމަލާއެއް: އެމްޑީޕީ

ނަޝީދަށް ދިން ހަމަލާއަކީ މުޅި ދައުލަތަށާއި، އިސްލާމީ ވަތަނަށް ދިން ހަމަލާއެއް: އެމްޑީޕީ

Author
މުޙައްމަދު ޝަޒައިމް
14 މެއި 2021 12:32
0

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ މުޅި ދައުލަތަށާއި، އިސްލާމީ ވަތަނަށް ދިން ހަމަލާއެއްކަމަށް އެމަނިކުފާނުގެ ޕާޓީން ބުނެފިއެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގެންދިއުމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް 6 މެއި 2021 ގައި ދިން ޓެރަރިސްޓް ޙަމަލާގައި ލިބިވަޑައިގަތް ބޮޑެތި އަނިޔާތަކުގެ ސަބަބުން ހޭފުޅުނައްތައިގެން އެތަކެއް ގަޑިއިރުތަކަކަށް ދެމިގެންދިއަ އޮޕަރޭޝަންތަކެއް އޭޑީކީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ޙާލުކޮޅުދިއައީ ރަނގަޅުވަމުންކަމަށެވެ. އަދި އިއްޔެ އެމަނިކުފާނު ޖަރުމަނުވިލާތަށް ގެންގޮސްފައިވަނީ އިތުރަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

މިފުރުސަތުގައި، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކޮށްދެއްވުމަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާކޮށްދެއްވި ކުޅަދާނަ، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމަށާއި، ނަރުހުންނަށާއި، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް މި ޕާރޓީގެ ނަމުގައި އިޚްލާޞްތެރި ޝުކުރުދަންނަވަން. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކޮށްދެއްވަމުން ގެންދަވާ މި ޕާރޓީގެ މެމްބަރުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރުދަންނަވަން.

– އެމްޑީޕީން ބުނެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއްގެ އިތުރުން ސީދާ އެ މަނިކުފާނު އަވަހާރަކޮށްލުމަށް ރާވައިގެން ދިން ޙަމަލާއެއް ކަމަށާއި، މީގެ އިތުރުން މިއީ، ދައުލަތުގެ އެއް ބާރުގެ ވެރިޔަކު އަވަހާރަކޮށްލުމަށް އަމާޒުކޮށް، މުޅި ދައުލަތަށް ވެސް ދިން ޓެރަރިޒަމުގެ ޙަމަލާއެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގައި ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ރާވައިގެން ދިން ޓެރަރިސްޓް ޙަމަލާއަކީ އިސްލާމް ވަންތަކަމާއި، އިންސާނިއްޔަތު ކަމާއި، މިނިވަންކަމުގެ ދުޝްމަނުންގެ ފިނޑި އަމަލެއް.

– އެމްޑީޕީން ބުނެފައިވެއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމާއި އަނިޔާވެރިކަމާ ދެކޮޅުހެއްދެވުމުގެ ރަމްޒެއްގެ ގޮތުގައި އަބަދުވެސް އެމަނިކުފާނު ވެވަޑައިގެންނެވިކަމަށްޓަކައި، އިންސާނިއްޔަތުކަމުގެ ދުޝްމަނުންގެ އެންމެ ބޮޑު އަމާޒުފަތްގަނޑަކަށް އެމަނިކުފާނު ހަދާފައިވީ ނަމަވެސް މި މަސައްކަތުގައި އެމަނިކުފާނު ދައްކަވަމުންގެންދަވާ ސާބިތުކަން އުފަލާއިއެކު ފާހަގަކުރާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދިއުމަށްފަހު، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ވަނީ ފަރުވާ ފަށާފައެވެ. އެމަނިކުފާނަށް މިހަލާގައި ބޮޑެތި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާމާނު
ނަޝީދަކ އިސްލާމްދީނުގެ ދިފާއުގައި އެންމެބޮޑަށ ވަކާލާތުކުރާ މީހާވިއްޔ ދޯ
މ މަންތިރި
އިސްލާމް ދީން ދެކެ ވާ ލޯބިން ޤުރުއާން ނޫން އެހެން އެއްޗެއް ނުހޯދިގެން އުޅޭ މީހަކު ވީމަ ވާނީ މުޅި އިސްލާމީ ވަޠަނަށް ދިން ހަމަލާއަކަށް