ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އިޤްތިޞާދީ ހާލަތުން އަރައިގަތުމަށާއި، ކޯވިޑަށް ވަސީލަތް ގާއިމްކުރުމުގެ ނަމުގައި ފައިސާ ޗާޕްކޮށްގެންނާއި އެނޫން ގޮތްގޮތުން ކުރި ހޭދަތަކުގެ އެއްވެސް ފައިދާއެއް ރައްޔިތުންނަށް ކުރަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ކޯވިޑްގެ ހާލަތު ގޯސްވެ، އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ޤައުމީ ސަލާމަތީ ބާރުތަކުގެ ތެރެއިން ސިފައިންވެސް މަގުތަކަށް ނެރުމާއި ގުޅިގެންނެވެ. ސައީދު ވިދާޅުވީ މިފަދަ ހާލަތަކަށް ތައްޔާރުވުމަށް ސަރުކާރުން ބޮޑެތި ހޭދަކޮށްފައިވާކަމަށެވެ. ފައިސާ ޗާޕްކޮށްގެންނާއި ބޭރުގެ އެހީތަކުން ލިބުނު ފައިސާތަކުންވެސް ހާލަތު މެނޭޖެ ކޮށްލެވޭ ވަރުގެ ކަޕޭސިޓީ މިއަދު ގައުމުގައި ނެތްކަމީ ސަރުކާރުގެ އިހުމާލެއްކަމަށް ސައީދު ވިދާޅުވިއެވެ.
މިއަދު ކޯވިޑްގެ ހާލަތު ގޯސްވުމުން އެދުތައް ފުރޭވާހަކައާއި، ފަރުވާދޭނެ ސާމާނު ނެތްވާހަކަ ދައްކާއިރު، ވެންޓިލޭޓަރު ގަތުމަށާއި، ވެކްސިން ހޯދުމަށާއި، ޓެސްޓްކިޓް ހޯދުމަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދު ކޮށްފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ރާއްޖެއަށް ނުލިބި އަދި އިތުރު އެއްވެސް ފެސިލިޓީއެއް ގާއިމް ނުކުރެވި، ބަލިމީހަކު ބާއްވާނެ އެދެއްވެސް އިތުރު ނުކުރެވުނުކަމީ މިހާލަތުގައި ފެންނަން އޮތް މަންޒަރުކަމަށެވެ. މިފަދަ ސަރުކާރަކުން ރައްޔިތުންނަށް ދެވޭނެ ޚިދުމަތެއް ނޯންނާނެކަމަށް ސައީދު ވިދާޅުވިއެވެ.
ވެރިން އެތެރޭގައި ވެންޓިލޭޓަރު ހޯދުމުގައި. ފައިސާ ޗާޕުކޮށް، އެތައް ބިލިޔަަނެއް ޚަރަދުކުރި އިރު އިތުރުވީ ހޮސްޕިޓަލެއް އެދެއް، ރައްޔިތަކަށް ލިބުނު ލުޔެއްނެތް. ކޯވިޑްގެ ނަމުގައި ބޮލަކަށް އެންމެ ޚަރަދުކުރި ޤައުމަކަށް މިރާއްޖެ ވާއިރު ނަތީޖާ ސުމެއް. އެމްޑީޕީގެ ވެރިކަމެއްގައި ސިފައިން މަގުމައްޗަށް ނެރޭތޯ؟
– ސައީދު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭގޮތަށް ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ މުއްދަތު އިތުރު އެއްއަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުން އަނެއްކާވެސް ވަނީ ފާސްކޮށްފައެވެ.
ނަމަވެސް މިކަން މަޖިލީހުން ފާސްކޮށްފައިވަނީ އިދިކޮޅު މަޖިލިސް މެމްބަރުން މިކަމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވަނިކޮށެވެ. ޚާއްސަކޮށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ވަނީ އިތުރަށް ފައިސާ ޗާޕްކުރުމަކީ ޤައުމުގެ އިޤްތިޞާދު އިތުރު އަދަވަޅަކަށް ވެއްޓިގެންދާނެކަމެއްކަމަށް ބުނެފައެވެ. އޯވާ ޑްރާފްޓް އިތުރު ކުރުމަށް މަޖިލީހުން ފާސްކުރިވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ