ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބްއާއި އަބަދުވެސް އޮންނަ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވެ އެފައިސާގައި ޖެހިފައި ނުވާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން އަދަދު އޮންލައިނަށް ދެއްވި އިންޓަރވިއުއެއްގައި އަލީ އާޒިމް ވިދާޅުވީ އަދީބާއި އަބަދުވެސް ގާތް އެކުވެރި ގުޅުން އޮންނަ ކަމަށެވެ. މަޖިލީހުން އާންމުކޮށްފައިވާ ޚިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން އޮތުމުން އޭނާވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. އަދި އެފަދަ ފައިސާއެއް ދުވަހަކުވެސް ލިބިފައި ނުވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވެފައިވަނީ އަދީބެކޭ އެއްގޮތަށް މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) އާއިވެސް ގާތް ގުޅުން އޮންނަ ކަމަށެވެ. އަދި އެކަންކަމުގައި ހާމިދުގެ ގެއަށް ގޮސް އެބޭފުޅުންނާއި ބައްދަލު ކުރައްވައި އެކި ވާހަތައް ދެކެވިފައިވާނެކަމަށެވެ. އާޒިމް ވިދާޅުވީ ގިނަ ބައެއްގެ ނަން ހިމަނައި ލިސްޓެއް މަޖިލީހަށް ފޮނުވުމަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އެއްވެސް ތަހުގީގެއް ކުރުމެއްނެތި މިގޮތަށް ލިސްޓެއް އާންމު ކުރުމުން އެތައް ބައެއްގެ އަބުރު ގެއްލިގެން ދާކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާގެ މައްޗަށް އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން ދައުވާއާއި ހަމަޔަށްދާ ހިސާބުން މަޤާމުން އިސްތިއުފާ ދެއްވާނެކަމަށެވެ. އޭނާ ވިދާޅުވީ އެފައިސާގައި ނުޖެހޭކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އަދި އެފަދަ ކަމެއް ތުހުމަތުކުރެވޭތީ އެނާއެދެނީ ވީހާވެސް އަވަހަށް މައްސަލަ ތަހުގީގްކޮށް ސުވާލު ކުރަންޖެހޭ ތަނަކަށް ސުވާލު ކުރަން ގެންގޮސް މިކަން ކޮޅެއްގައި ޖެއްސުންކަމަށެވެ. އަދި މިކަމުގައި ކޮންމެ އިދާރާއަކަށް ނަމަވެސް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމިޓީން ވަނީ މައިގަނޑު 8 ކަމެއް ކުރުމަށް ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިޚާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށްވުމުން އެފަދަ ފަރާތްތަކުގެ ތަޙުޤީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ