ނަޝީދަށް ޖެޓް ހަމަޖައްސަވައި ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސެވީ ޖަރުމަނު ސަރުކާރުން

ނަޝީދަށް ޖެޓް ހަމަޖައްސަވައި ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސެވީ ޖަރުމަނު ސަރުކާރުން

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 02:58
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުރު ބޭސްފަރުވާއަށް މިއަދު ޖަރުމަނަށް ކުރެއްވި ދަތުރުފެ އެއާރ އެމްބިއުލާންސާއި ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސެވީ ޖަރުމަނު ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، 06 މޭ 2021 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމުގެ ތަފްސީލް ދެއްވައި މަޖިލީހުން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައި ކަމަށެވެ.

އަދި ދަތުރުކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމުގައެވެ. މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުން ކަމަށް މަޖިލީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ފިނޑި ޓެރަރިސްޓް ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރި ކޮށްފައެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

s sana
ޔަހޫދީ ފައްޅި ތަކުން