ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެޖޯރިޓީ ނުލިބުމުން ވެސް 24 މެމްބަރެއްގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
ހެލްތު މިނިސްޓަރ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ ތާޢިދު އޮތްތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ ތެރެއިން އެ މައްސަލަ ވެއްދުމަށް ތާޢީދުކޮށް ވޯޓުދިނީ 27 މެމްބަރުންނެވެ. އަދި ބާކީ ތިބި 31 މެމްބަރުން ބުރަވީ އަމީނުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ނުވެއްދުމަށެވެ.
އެހެން ނަމަވެސް ޕީޖި ގުރޫޕުގައި މި ވޯޓު ނެގިތާ ކުޑައިރުކޮޅެއް ފަހުން އެމްޑީޕީގެ ބައެއް މެމްބަރުން މިވަނީ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދަން ފަށާފައެވެ. އަދި 24 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް މި މައްސަލަ ވައްދާފައި ވަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.
މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުالله އަމީން މިނިސްޓަރ ކަމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަކަށް ނުވާތީ، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ(ހ)ގެ ދަށުން ހެލްތް މިނިސްޓަރ އަމީން މިނިސްޓަރކަމުން ވަކިކުރުމަށް ރައްޔަތުންގެ މަޖިލީހަށް ހުށަހަޅައިފިން. pic.twitter.com/Nyq3Iefy54
— Hussain Firushan ??? (@husnfirey) October 20, 2020
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމަށް 10 މެމްބަރުންގެ ސޮއި ބޭނުންއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ކަމށްވާ 43 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.
ކޮމެންޓު ފޮނުވާ