މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ޚިޔާނާތުގައި ބައިވެރިވެ، އޭގެ ފައިސާ އެއްވެސް އިރެއްގައި ލިބިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބޮޑު ޚިޔާނާތާއި ގުޅިގެން އެސެޓްރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ނާޒިމްގެ ނަންވެސް ހިމެނެއެވެ. ލިސްޓު އާންމު ކުރުމާއި ގުޅިގެން ނާޒިމް ނެރުނު ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ނުވަތަ އެމައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުޙުމަތު ކުރެވޭ ފަރާތެއް ކަމަށް ބަޔާންކުރާ ލިސްޓްގައި އޭނާގެ ނަން ހިމަނާފައި ވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ކަމަށެވެ.
މިއީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށްޓަކައި ވަކި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށާއި، މިމައްސަލަ އާއި ގުޅިގެން ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް މިއަދާއި ހަމަޔަށްވެސް ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަޙްޤީޤެއް ހިންގިފައި ނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑަކީ، އެމް.އެމް.ޕީ.އާރް.ސީ މެދުވެެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގައި އެއްވެސް ސިފައެއްގައި އަދި އެއްވެސްއިރެއްގައި ބައިވެރިވެފައިވާ މީހެއްނޫން އަދި އެކަމުން މަންފާލިބުނު މީހެއްވެސް ނޫންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަން.
– ނާޒިމް ވިދާޅުވިއެވެ.
މިމައްސަލަ އާއި ގުޅިގެން ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޖަވާބުދާރީވާން ޖެހިއްޖެ ނަމަ، އެކަމަށް ތައްޔާރަށް ހުރިކަމާއި، އެފަދަ ތަޙްޤީޤަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ނާޒިމް ވަނީ ދެއްވާފައެވެ. އަދި
ހަމައެހެންމެ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާއި ގުޅިގެންވެސް ނުވަތަ އެހެންވެސް ޙައްޤުނޫން މުޢާމަލާތަކާ ގުޅިގެން ވިޔަސް މިއަދާއި ހަމަޔަށް އެފަދަ އެއްވެސް ފައިސާއެއް ނުވަތަ ޙައްޤު ނޫން މަންފާއެއް ބޭނުންކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ނާޒިމް ވަނީ ދެއްވާފައެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ