މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ލިސްޓުންޖެހޭނީ ނަން އުނިކޮށް، މަޖިލީހާއި، ކޮމިޝަނުން މަޢާފަށް އެދެން ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ކޮމިޓީއަކުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް އާންމުކުރި ލިސްޓުގައި އޭނާގެ ނަންވެސް ހިމެނުމުން އެމްޑީޕީގެ ބައެއް ބޭފުޅުން ސޯޝަލް މީޑިޔާގައި ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މަލީހު ވިދާޅުވީ އަދި އެމްޑީޕީ ކުދިން ފޯރި އަރަންޖެހޭ ހިސާބަށް ނުދާކަމަށާއި، ލިސްޓުން ޖެހޭނީ ނަންވެސް އުނިކޮށް، މަޢާފަށް އެދެންކަމަށެވެ.
އެމްޑީޕީ ކުދިވެރީން އަދި މައިތިރިވެގެން ތިއްބަވާ. ތިޔަ ލިސްޓުން އަހަރެންގެ ނަންޖެހޭނީ އުނިކުރަން. އަދި މަޖިލިހުންނާއި ކަމިޝަނުން ޖެހޭނީ މަޢާފަށް އެދެން. ބަލަމާ ހިނގާ.
– މަލީހު ވިދާޅުވިއެވެ.
މަލީހުގެ ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓަކީ އޮއިއްޓޭ ދިން މައުލޫމާތެއްގެ މައްޗަށް އޭނާ ބުނި ބުނުމަކަށް ހަދާފައިވާ ލިސްޓެއްކަން އެގެން އޮތްއިރު، އެވަރުގެ މީހަކު އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ދޭންނުޖެހޭ ސަބަބެއް ނެތްކަމަށެވެ. ވެރިކަމާއި ހަވާލުވި މިވީ ދުވަސްތަކުގައި މިއިން އެއްވެސް މައްސަލައެއް ނުބެލި އިންފޮމޭޝަން ކަލެކްޓް ކުރާ ހިސާބުގައި އަދިވެސް ކަންކަން އޮތްކަމީ އެމްޑީޕީއަށް މިކަންކަން ނުބެލޭ ކަމުގެ ސާފު ހެކިކަމަށް މަލީހު ވިދާޅުވިއެވެ.
މިސަރުކާރުގެ އެޑްވައިޒަރަކަށް މުހައްމަދު ހުސެން (އޮއިއްޓޭ) އައްޔަންކުރުން އަވަސްކުރަންޖެހޭ. އޭނަ ބުނީމަ އެނިމުނީ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށްވެސް އެންމެ ރަނގަޅުވާނީ އޭނާ. އެމްޑީޕީއަކީ ކަންކުރަން ނޭގޭ މީހުން އުޅޭ ޕާޓީއެއް. އެވާހަކަ މިހާރު އެދައްކަނީ އެޕާޓީ މީހުން. އެމްޑީޕީ މީ ގައްޑާ ޕާޓީއެއް. ބައްލަވާ ތަހުގީގު ކުރަން މިވެރިން މޮޅުކަން. 3 އަހަރު ނިންމާލާފަ ބުނީ ތަހުޤީގު ނިމިއްޖޭ. ބަލާލިއިރު ރިމާރކްސް ކޮލަމްގަ އިންފޮމޭޝަން ކަލެކްޝަން. މިވެރިން ރަނގަޅު ވާނީ ދިވެހި މޭސްތިރި ހިންގަން. އެތަންވެސް ބަގުރޫޓް. ޤައުމުވެސް ބަގުރޫޓް.
– މަލީހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ބޮޑު ޚިޔާނާތުގެ މި މައްސަލާގައި މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ މަތީ މަޤާމުތަކުން ފެށިގެން އެންމެ އާދައިގެ މަޤާމްތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވަޒީރުންނާއި، މަޖިލިސް މެމްބަރުން، ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންވެސް ހިމެނެއެވެ. އަދި ބައެއް ބޭފުޅުންނަކީ މިހާރުވެސް ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މިލިސްޓުގައި ހިމެނޭއިރު، ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކާއި، މީހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފް އާއި ޕްލެނިންގ އެންޑް ހައުސިން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންވެސް ހިމެނެއެވެ. މީގެތެރެއިންވެސް މިނިސްޓަރ މަޙުލޫފުގެ ތަޙުޤީގުގެ ބައިނިމި މިހާރުވަނީ ދަޢުވާކުރުމުގެ މަރުހަލާގައެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުތަކުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ