ކޯވިޑް-19އިން ދިފާޢުވުމަށް ރަޝީއާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ. ވެކްސިނަށް ހުއްދަ ދިން ނަމަވެސް މިހާތަނަށް އަދި މިވެކްސިން ރާއްޖެއަށް ލިބިފައި ނުވެއެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޯވިޑް-19 އަށް ރަޝިޔާއިން ތައްޔާރުކޮށް ބޭނުން ކުރުމުންދާ "ސްޕުޓިނިކް ވީ" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބިފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް ވިދާޅުވީ ވެކްސިނަށް ހުއްދަ ދީފައިވީނަމަވެސް އެއްވެސް ވަރަކަށް އެ ވެކްސިން ރާއްޖޭގައި ނެތް ކަމަށެވެ. އެ ވެކްސިން ހޯދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ޖެހުމަށް ހުއްދަ އެމް.އެފް.ޑީ.އޭއިން ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. މި ވެކްސިނަށް ހުއްދަދީފައިވަނީ މިހާރު އޮތް ޙާލަތަށް ރޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަރޖެންސީ ސިޓުއޭޝަން" ގައި ބޭނުންކުރުމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމަށް ހުއްދަދީފައިވާ 4 ވަނަ ވެކްސިނެވެ.
ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަށް އެމް.އެފް.ޑީ.އޭއިން ދީފައިވަނީ މިކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށްފައިކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މިކަމުގައި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝެނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔަޔާ މަޝްވަރާއާއެކުކަމަށްވެސް އެމް.އެފް.ޑީ.އޭއިން ވިދާޅުވެފައިވެއެވެ.
މިވެކްސިނަށް ހުއްދަ ދީފައިވާއިރު ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން އުފައްދާ ކޯވިޑް-19ގެ ވެކްސިން ގަތުމަށް ރާއްޖެއިން ނިންމައި 7 ލައްކަ ޑޯޒް ގަތުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް އެވެކްސިންވެސް ރާއްޖެއަށް ލިބިފައިނުވެއެވެ. މީގެ އިތުރުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ޖަހަން ވެކްސިން ނުލިބިދާނެ ކަމުގެ ބިރުގީވެ، އިތުރު ވެކްސިނެއް ހޯދުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ