މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެ އޭގެއިން މަންފާ ލިބުނު ދައުލަތުގެ އެކި މަޤާމުތަކުގައި ކުރީގެ ވެރިކަމުގައާއި، މިވެރިކަމުގައިވެސް ތިއްބެވި ބޭފުޅުންކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ހޫނު ރައްދެއް ދެއްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރުވާލުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ނިޔާޒު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓު އާންމު ކުރުމާއި ގުޅިގެން އެކަމުން ރެކުމަށް ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ގިނަ ބޭފުޅުން ވިދާޅުވަމުންދަނީ ފައިސާ ލިބުނުއިރު، އެއީ ކޮން ފައިސާއެއްކަމެއް ނޭގޭކަމަށެވެ.
މިކަމާއި ގުޅިގެން ނިޔާޒު ވިދާޅުވީ ދައުލަތުގެ އިސްމަޤާމުތަކުގި ތިއްބަވާ ބޭފުޅުންނަކީ ސިކުޑީގައި ތެތްކަމެއް ހުންނަ، ރަނގަޅު ވިސްނުމުގެ މީހުންނަށް ވާންޖެހޭކަމަށެވެ. މީހާއަށް ލިބޭ މުސާރައާއި އިނާޔާތްތަކާއި ނުބައްދަލު ފައިސާ އެތައްބަޔަކަށް ބަލައި އެފައިސާ ދޭއިރު އެވަރު ނުވިސްނޭ ބަޔަކު އިސްމަޤާމުތަކުގައި ތިއްބެވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
އަދާކުރާ ދައުލަތުގެ ވާޒީފާއިން 60،000 ރުފިޔާގެ މުސާރަ ލިބޭ މީހަކު މިލިޔަނުން، މިލިޔަނުން ހަދިޔާދީ، ފައިސާ ބަހައި، ހަދާއިރު މިވާނުވާ ނޭގޭވަރުގެ ނެތްކަން ސިކުޑީގައި ނެތް މީސް މީހުން ދައުލަތުގެ ޒިންމާދާރު މަޤާމުތަކަސް ކުފޫ ހަމައެއްނުވޭ.
– ނިޔާޒް ވިދާޅުވިއެވެ.
2015 ގައި އޮޑިޓާ ޖެނެރަލްގެ މަގާމުން ނިޔާޒް ވަކިކުރުމުގެ ކުރިން އޭނާ ވަނީ އެމްއެމްޕީއާރުސީން ހިންގި ހިޔާނާތުގެ ބައެއް މައްސަލަތައް ފަޅާއަރުވާލާފައިވެ އެވެ. އެގޮތުން އެމްޕީއެލް އިން ޑޮލަރު ގަތުމަށް ހެދި ޑީލް ވެސް ނިޔާޒް ވަނީ އާއްމު ކުރައްވައިފަ އެވެ. ނަމަވެސް އެ އޮޑިޓް ރިޕޯޓް ނެރުމުން އެކަން ދޮގުކޮށް، ނިޔާޒަށް ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މިމައްސަލާގައި މިހާރުގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުވެސް ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. ޒިޔަތު ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް، ނުވަތަ އަޅުގަނޑުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓު ފޮނުވާ