މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނުމުގެ އަޑީގައި ތިބިމީހުންވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޤައުމާއި މުޙާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ ހަމަލާގައި ބައިވެރިވި، 3 މީހުން ވަނީ ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި ކަމަށާއި، މިނިވަން ތަހުގީގަށްފަހު އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ ކަމަށެވެ.
މިއީ ހަމައެކަނި 3 މީހުންނާއި ހަމައިން ނިމެނޭނެ ކަމެއްކަމަށް ނުދެކޭކަމަށާއި، މިކަމުގެ އަޑީގައި ތިބިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޤާނޫނުތައް އެފަދަ މީހުން ވަށާލައި، އަދުކު އިންސާފު އަރާ ހަމަކުރާނެ. ހަމަލާގައި ބައިވެރިވި 3 މީހުން ވަނީ ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފަ. މިނިވަން ތަހުގީގަށްފަހު އެމީހުން އިންސާފުގެ ކުރިމައަޗަށް ހާޒިރު ކުރެވޭނެ. މިއީ ހަމައެކަނި 3 މީހުންނާއި ހަމައިން ނިމެނޭނެ ކަމެއްކަމަށް ނުދެކެން. މިކަމުގެ އަޑީގައި ތިބިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާން.
– ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަކީ ހިތްތަކަށް ބިރުވެރިކަން ވެރިވި ނުރައްކާތެރި ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުވަނީ މިއަދުގެ ޚިތާބުގައިވެސް ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައެވެ. އަދި، ހަމަލާގައި ޒަހަމްވި އެންމެންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ވަނީ ދުޢާ ކުރައްވާފައެޗެ. އެއްވެސް މީހެއްގެ ފުރާނަ ދުއްވާލުމަށް ހަމަލާދިނުމަކީ އިންސާނިއްޔަތުކަން ހުރި ބަޔަކު ކުރާނެ ކަމެއްނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް އިތުރު ފަރުވާ ހޯދުމަށް މާދަމާ ޖަރުމަނަށް ފުރުވާވަލުމަށް ހަމަޖެހިފައިވާކަމަށް އާއިލާން ވަނީ ބުނެފައެވެ. ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނު ޖަރުމަނަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. މެދު ކެޑުމެއްނެތި ޑޮކްޓަރުންގެ ފަރުވާ ރައީސް ނަޝީދަށް ދެމުންދާއިރު، އެމަނިކުފާނުގެ ބަލީގެ ހާލަތަށް ލުއިތަކެއް ލިބެމުންދާކަމަށް އާއިލާއިން ފާހަގަކުރެއެވެ.
އެގޮތުން މިހާރު އެދުން ތެދުވެ ވަޑައިގެން ގޮޑިކޮޅުގައި އިށީއްނަވައި ދިޔާ ތަކެތި ބުއިމަށް ޑޮކްޓަރުން ހުއްދަ ދީފައިވާކަމަށެވެ.
މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ