ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތަކަށް ޗައިނާއަށް ފުރުމުގެ ކުރިން މާދަމާ ގައުމީ ފުޓްބޯޅަ ޓީމު ހޮޓެލް ޖެންގައި ކޭމްޕް ކުރަން ނިންމައިފިއެވެ.
ހޮޓެލް ޖެންގައި ޓީމު އެއްކޮށް ކޭމްޕް ކުރަން ނިންމީ ޗައިނާއަށް ފުރުމުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިން އެއްތަނެއްގައި ރައްކާތެރިކަމާއެކު ތިބުމުގެ ގޮތުންނެވެ. އެގޮތުން ހޮޓަލަށް ވަނުމުގެ ކުރިން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން އޭޑީކޭގައި މިއަދު ވަނީ ކުޅުންތެރިންގެ ޕީސީއާރު ޓެސްޓް ހަދާފައެވެ. އަދި ނެގެޓިވްވާ ހުރިހާ ކުޅުންތެރިންނާއެކު މާދަމާ ޖެންގައި ކޭމްޕްކުރާނެ ކަމަށް އެފްއޭއެމުން މަޢުލޫމާތުދެއެވެ.
ޤައުމީ ޓީމު ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެން ތިބޭ ދުވަސްތަކުގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަން ފުރުޞަތު ލިބިއްޖެނަމަ ފަރިތަކުރުންތައް ކުރިޔަށްގެންދާނެއެވެ. އެ ފުރުޞަތު ނުލިބިއްޖެނަމަ ފިޓްނަސް ލެވެލް ހިފެހެއްޓުމުގެ ގޮތުން ހޮޓެލް ޖެންގެ ޖިމް އަދި ޕޫލް ބޭނުންކުރުމުގެ ފުރުޞަތު ޓީމަށް އޮންނާނެއެވެ.
އެފްއޭއެމުން މިހާރު މަސައްކަތްކުރަމުން އަންނަނީ ޗައިނާއަށް ދިއުމަށް ވިސާ ލިބުނުހާ އަވަހަކަށް ޗައިނާއަށް ފުރުމަށެވެ. ޚަބަރު އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު ޗައިނާއަށް ޤައުމީ ޓީމު ފުރާނެއެވެ.
ކޮލިފައިންގ މެޗުތައް ސެންޓްރަލައިޒްކޮށްގެން ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން މިހާރު ވަނީ ނިންމާފައެވެ.
އެގޮތުން ޖޫން މަަހުގެ 3 ވަނަ ދުވަހު ޗައިނާ އާއި ދެކޮޅަށް ރާއްޖެ ނުކުންނައިރު، ޖޫން 7 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސީރިއާ އާއި ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި ޖޫން 15 ގައި ނުކުންނާނީ ފިލިޕީންސްއާއި ދެކޮޅަށެވެ.
ކޮލިފައިންގެ ގްރޫޕް ޑީގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތްއިރު ފުލުގައި އޮތީ ގުއާާމް އެވެ.
ކޮމެންޓު ފޮނުވާ