50 މޭލަށް ވައިގަދަވެ، ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް 15 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށްކަމަށެވެ. މި ސަރަޙައްދަށް މިއަދު މެންދުރުފަހު 15:00އިން މިރޭ 19:00އަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިގަޑިތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށާއި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50މޭލަށް ވައިގަދަވެ ކަނޑުގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.
އުތުރުގެ އިތުރުން ދެކުނަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މި އެލަރޓްވެސް ނެރެފައިވަނީ މެންދުރުފަހު 15:00އާ ހަމައަށެވެ. ދެކުނު އަތޮޅުތަކަށްވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު އެ ސަރަހައްދުގައި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ. މެދު ރާއްޖެތެރޭގެ ރަށްތަކަށްވެސް ހެނދުނު 10:00 ނިޔަލަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ. މެދުރާއްޖެ ތެރެއަށްވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.
މިިދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ވާރޭ ވެހެފައިވަނީ ފ. ނިލަންދޫއަށެވެ. އެރަށަށް 104.5 މިލި މީޓަރުގެ ވާރޭވަނީ ވެހިފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށެވެ. ގަމަށް ވެހުނު ވާރޭގެ މިންވަރަކީ 98.6 މިލިމީޓަރެވެ. މާލޭ ސަރަހައްދުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 82.8 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ.
މެޓް އޮފީހުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުގެ ބާނިތައް ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާކަމަށެވެ. މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސްވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑު ދަތުރަށް ނިކުން އުޅަނދުތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ