ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުވެގެން އުފައްދާވައިވާ ޖޮއިންޓް ކޮމިޓީން ބަލަމުންދާ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ސަބްކޮމިޓީގެ ރިޕޯޓާއިއެކު އާންމު ކުރުމަށް ނިންމައފިއެވެ.
މިހާރު ކުރިއަށްދާ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއާއި، ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމިޓީން ލިސްޓު އާންމު ކުރުމަށް ނިންމާފައިވަނީ މިއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑު މައްސަލައަކަށް ވުމުން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ތަހުގީގީ އިދާރާތަކުން ލިބިފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓު އާންމު ކުރުންކަމަށް އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ސަބްކޮމިޓީގެ ރިޕޯޓުގައި ލަފާދީފައިވަނީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކި ކުރުމަށާއި، ފަޅުރަށްތަކުގެ މައްސަލަތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް ލަފާ ދީފައިވާނެކަމަށެވެ. އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ