އެމްޑީޕީއާއި، ޕީޕީއެމްއަށް އެމްއެމްޕީއާރުސީ މައްސަލައަށް އިންސާފު ނުހޯދޭނެ: ނިޔާޒު

އެމްޑީޕީއާއި، ޕީޕީއެމްއަށް އެމްއެމްޕީއާރުސީ މައްސަލައަށް އިންސާފު ނުހޯދޭނެ: ނިޔާޒު

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 01:59
0

ރާއްޖޭގައި މިފަހަކަށް އައިސް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ ވެރިކަން ކުރާ އެމްޑީޕީއަށްވެސް އަދި އިދިކޮޅު ޕީޕީއެމްއަކަށްވެސް އިންސާފުވެރިކަމާއިއެކު ބެލިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. ތަހުގީގީ އިދާރާއަކުން ފޮނުވި ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަންވަނީ ހިމަނާފައެވެ.

މިލިސްޓު މިހާރު ސޯޝަލް މީޑިޔާގައި ދައުރުވެ ސަރުކާރުގެ އެކި މަޤާމުތަކާއި، މަޖިލިސްގެ ބައެއް މެމްބަރުންގެ ނަންފުޅު ލިސްޓުގައި އޮތުމުން ގިނަ ބަޔަކު ދަނީ އެކަމާއި ކަަންބޮޑުވުން ފާޅު ކުރަމުންނެވެ. މިމައްސަލައާއި ގުޅޭގޮތުން ކުރީގެ އޮޑިޓަރ ޖެނެރަލް އަދި މިމައްސަަލަ ބެއްލެވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ނިޔާޒު އިބްރާހިމް ވިދާޅުވީ މިމައްސައަކީ ވެރިކަން ކުރާ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެވެސް ގިނަ ބޭފުޅުންގެ ޝާމިލިވުން އޮތް މައްސަލައަކަށް ވާއިރު މިމައްސަލަ އިންސާފުވެރިކަމާއިއެކު މިދެޕާޓީއަށް ނުބެލޭނެކަމަށެވެ.

އެމްޑީޕީ އަކަށްވެސް އަދި ޕީޕީއެމް އަކަށްވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާއިއެކު ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދެވިދާނެ ކަމަށް ޤަބޫލެއް ނުކުރަން. މިފައިސާގެ ޖެހިފައި ތިބި މީހުން މި ދެ ޕާޓީގެ އިސްސަފުގައިވެސް އެހާމެ ގިނަ.

– ނިޔާޒު އިބްރާހިމް ވިދާޅުވިއެވެ.

އެކަމަކު 2015ގައި އޮޑިޓާ ޖެނެރަލްގެ މަގާމުން ނިޔާޒް ވަކިކުރުމުގެ ކުރިން އޭނާ ވަނީ އެމްއެމްޕީއާރުސީން ހިންގި ހިޔާނާތުގެ ބައެއް މައްސަލަތައް ފަޅާއަރުވާލާފައިވެ އެވެ. އެގޮތުން އެމްޕީއެލް އިން ޑޮލަރު ގަތުމަށް ހެދި ޑީލް ވެސް ނިޔާޒް ވަނީ އާއްމު ކުރައްވައިފަ އެވެ. ނަމަވެސް އެ އޮޑިޓް ރިޕޯޓް ނެރުމުން އެކަން ދޮގުކޮށް، ނިޔާޒަށް ސަރުކާރުގެ އިސް ބޭފުޅުން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ނިޔާޒް މަގާމުން ވަކިކުރުމަށް ފަހު އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބޭ ހަސަން ޒިޔަތެވެ.

ސެޕްޓެމްބަރު 2015 ގައި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލަ އަށް ފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތާއި އަދީބުގެ އަރިސް ބައެއް މީހުން ހައްޔަރު ކުރުމަށް ފަހު، އެމްއެމްޕީއާރުސީގެ މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އޮފީހުން އޮޑިޓްކުރި އެވެ. އަދި އެ އޮޑިޓަށް ފަހު އަދީބާއި ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ދައުވާކޮށް، ކުށް ސާބިތުވުމުން ޖަލަށްލިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.