އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް އެއްވެސް އިރެއްގައި ލިބިފައިނުވޭ: ޕީޖީ އޮފީސް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް އެއްވެސް އިރެއްގައި ލިބިފައިނުވޭ: ޕީޖީ އޮފީސް

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 08:42
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް އެއްވެސް އިރެއްގައި ލިބިފައިނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސެއިން ޝަމީމަށް އެމްއެމްޕީއާރުސީ ފައިސާ ލިބިފައިވާކަމަށް އޮންލައިން ނޫގެއްގައި ލިޔެފައިވާ ޚަބަރު ދޮގުކޮށް ޕީޖީ އޮފީހުގެ މީޑިޔާ އޮފިސާ އަދި އެއޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅުންހުރި ފައިސާ މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަަލް ހުސެއިން ޝަމީމަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާޤީންކަން އަރުވާކަމަށް އޭނާ ވަނީ ދަންނަވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. ތަހުގީގީ އިދާރާއަކުން ފޮނުވި ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަންވަނީ ހިމަނާފައެވެ.

އެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށް ބުނާ ފައިސާގެ އަދަދާ ގުޅޭ އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ބައެއް ނޫސްތަކުގައި އެ ވާހަކަތައް ދަނީ ރިޕޯޓް ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.